ރަށްރަށާއި ސިޓީތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް، މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ނަމަ ސަރުކާރަށް ނެގޭ ގޮތަށް ލާމާރުކަޒީ ގާނޫނު ބަދަލުކުރަން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިއަަދު ވިދާޅުވެއްޖެ އެވެ.

ހަންނާނު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ކެންދޫދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތުހުމަތުކުރެއްވީ އެ ބިލަކީ މެންބަރު ހަންނާނު ލައްވައި ސަރުކާރުން ހުށަހެޅި ބިލެއް ކަމަށެވެ. އެއީ ލާމަރުކަޒީ ނިޒާމު "ފުނޑާލުމަށްޓަކައި" ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ ބިލު އަނބުރާ ގެންދަން ވެސް އޭނާ ގޮވާލެއްވި އެވެ.

އެ ވާހަަކައަށް ރައްދުދެއްވަން، ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ފަލާހު ވިދާޅުވީ އަމިއްލަ މެންބަރަކު ފޮނުވި ބިލެއް އެއީ ސަރުކާރުން ފޮނުވި ބިލެއް ކަމަށް ވިދާޅުވުން އެއީ ނިޒާމީ މައްސަލައެއް ކަމަށެވެ.

"މިތާނގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މެންބަރަކަށް ވިޔަސް، އެހެން ޕާޓީއަކަށް ނިސްބަތްވިޔަސް މި މަޖިލީހަށް ބިލު ހުށަހެޅުމުގެ ފުރުސަތު ގާނޫނުއަސާސީން އެ ބޭފުޅަކަށް އޮންނާނެ.  އެހެންވީމާ އަމިއްލަަ މިނިވަން މެންބަރަކު ހުށަހެޅުއްވި ބިލެއް އެއީ ސަރުކާރުން ފޮނުވި ބިލެއް ގޮތަށް ވާހަކަދެއްކުން އެއީ ހަމަ ސީދާ  ނިޒާމީ މައްސަލައެއް،" ފަލާހު ވިދާޅުވި އެވެ.

ޖަލްސާގެ ރިޔާސަތުގައި އެވަގުތު އިންނެވި، މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް ވިދާޅުވީ ފަލާހު ނެންގެވި  މައްސަލައަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށެވެ.

އެހެން ވިދާޅުވެ މައުރޫފަށް އަލުން ފުރުސަތު ދެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހަންނާނުގެ އިސްލާހާ ގުޅޭގޮތުން ބައެއް ކައުންސިލަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި އެ އިސްލާހު އަނބުރާ ގެންދަން ގޮވާލައި މިހާރު ވަނީ އީ-ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ.

މިދުއަމް ސައީދުގެ ނަމުގައި ހަދާފައިވާ އީ-ޕެޓިޝަންގައި ބުނަނީ ހަންނާނު ހުށަހެޅުއްވި އިސްލާހަކީ ރައްޔިތުންގެ ވޯޓަކުން ހޮވާ ކައުންސިލަރުންގެ ބާރު ކެނޑި، އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަށެވެ.

އެއާ އެކު، ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ނުވަތަ އެއްބާރުލުން ނުދޭ ކަމަށް ބުނެ، އާއްމުންގެ ވޯޓުން ހޮވާފައިވާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ވެސް ލިބޭ ކަމަށް ބުނެފައިވެ އެވެ.

"ހުށަހެޅިފައި މިވާ އިސްލާހުތަކަކީ ލާމަރުކަޒީ ގާނޫނު އަދި އެ ގާނޫނުގެ ރޫހާއި ހިލާފު އަދި ބާރު އެބައެއްގެ ފަރާތުން ފެށިގެން އަންނަ ރައްޔިތުންގެ ބާރު ހަނި ކުރާނެ އިސްލާހުތަކަކަށް ވާތީވެ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ މި ޕެޓިޝަން ހުށަހަޅަމެވެ،" މިދިޔަ ހުކުރު ދުވަހު ތައްޔާރުކުރި ޕެޓިޝަންގައިވެ އެވެ.

އެ ޕެޓިޝަންގައި މިހާރު 600 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ އެވެ.