އއ. އުކުޅަހުގައި ފަރުމަސްވެރިކަަަމަށް ހާއްސަ އައިސްޕްލާންޓެއް އަޅަން ސަރުކާރުން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
ރާއްޖޭގައި ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން އައިސްޕްލާންޓެއް އަޅާ މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އުކުޅަހަށް ވަޑައިގެން މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކުންފުންޏާ މިއަދު ހަވާލުކުރި މަޝްރޫއުގައި އަޅާނީ ފަސް ޓަނުގެ އައިސް ޕްލާންޓެކެވެ.
ލޯކަލް ޓޫރިޒަަމްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އުކުޅަހުގައި އަޅާ އެ އައިސްޕްލާންޓުން، ފަރުމަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމުގެ އިތުރުން އުކުޅަހުގެ ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ވެސް އައިސް ދޫކުރާނެ އެވެ.
ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންއާ އެކު ފިޝަރީޒް މިނިސްޓްރީން މިއަދު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން އެ މަސައްކަތް ފަސް މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.