ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓް 11 ރަށެއްގައި އެޅުމަށް މެލޭޝިއާ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ އެކު މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.
މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ގާއިމުކުރުމަށް ނިންމާފައި ވަނީ ދުވާލަކު 30 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ހުރި ޕްލާންޓްތަކެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމްކުރުމަށް ހަމަޖެހިފައިވަނީ:
- ހއ. ދިއްދޫ.
- ހދ. ކުޅުދުއްފުށި.
- ށ. ކޮމަންޑޫ.
- ދ. ހުޅުދެލި.
- ކ. ގާފަރު.
- އއ. ރަސްދޫ.
- މ. މުލައް.
- ގއ. ނިލަންދޫ.
- ގއ، ވިލިނގިލި.
- ގއ. މާމެންދޫ.
- ގދ. ރަތަފަންދޫ
މިނިސްޓްރީން ބުނީ އެ ރަށްރަށުގައި މަސައްކަތް ކުރިއަށްދާނީ ފަރުމާކުރުމާއި ބިނާކުރުން އަދި ތަކެތި ފޯރުކޮށްދިނުމުގެ އުސޫލުން ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓެއް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އެ ކުންފުނިން އައިސްޕްލާންޓް އެޅުމާއި ހަރުކުރުމާއި ޓެސްޓްކުރުން އަދި އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ނިންމުމާއި ތަކެތި ގެންދިއުމުގެ ކަންކަން ވިލަރެސްކުރުމާއި މަޝްރޫއު މެނޭޖްކުރުމުގެ އިތުރުން ލިޔެކިޔުންތައް ތައްޔާރުކޮށް މަސައްކަތް ހަވާލުކުރުމުގެ އެހީތެރިކަން ވެސް ދޭނެ ކަމަށް ބުންޏެވެ.
އައިސް ޕްލާންޓުތައް ނިމުމުން، މަސްވެރިކަންކުރާ މީހުން ބޭނުންވާ ތާޒާ އައިސް ފަސޭހަކަމާ އެކު ލިބި، މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.