މޮސްކޯ (މޭ 27) - މަނާ ބޭސް ބޭނުން ކުރުމުން ސަސްޕެންޑްކޮށްފައިވާ ރަޝިއާގެ އަންހެން ޓެނިސް ކުޅުންތެރިޔާ މާރިއާ ޝަރަޕޯވާ، އަންނަ އޮގަސްޓް މަހު ރިއޯގައި އޮންނަ އޮލިމްޕިކްސްގައި ވާދަކުރާ ރަޝިއާގެ ޓެނިސް ޓީމުގައި ހިމަނައިފި އެވެ.

ޝަރަޕޯވާގެ ސަސްޕެންޝަން

މި އަހަރު ޖެނުއަރީ މަހު ކުރިއަށްދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ތެރޭގައި މަނާބޭހަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޝަރަޕޯވާ އެއްބަސްވީ މާޗް މަހު އަށް ވަނަ ދުވަހު އެވެ. ޝަރަޕޯވާ ބޭނުންކުރި މެލްޑޯނިއަމް އަކީ ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މި އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހު މަނާކުރި ބޭހެކެވެ.

އުމުރުން 28 އަހަރުގެ ޝަރަޕޯވާ އެއިރު ބުނީ 2006 ވަނަ އަހަރުން ފެށިގެން އޭނާ މެލްޑޯނިއަމް ބޭނުން ކުރަމުން އަންނަ ކަމަށާއި އޭއީ ބައްޔަކަށް ފަރުވާ ހޯދުމުގެ ގޮތުން ކަމަށެވެ. މަނާބޭހަށް ޝަރަޕޯވާ ޕޮޒިޓިވް ވުމުން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން މާޗް 12 ވަނަ ދުވަހު ނިންމީ ޝަރަޕޯވާ ޓެނިހުގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުމަށެވެ.

އޮސްޓްރޭލިއަން އޯޕަން މެޗެއްގެ ތެރެއިން ޝަރަޕޯވާ.-- ފޮޓޯ: އޭއެފްޕީ
އޮސްޓްރޭލިއަން އޯޕަން މެޗެއްގެ ތެރެއިން ޝަރަޕޯވާ.-- ފޮޓޯ: އޭއެފްޕީ

"އޮލިމްޕިކްގައި ޝަރަޕޯވާ އަށް ކުޅެވޭނެ ކަމުގެ އުއްމީދު އެބައޮތް"

ރަޝިއާގެ ޓެނިސް ފެޑެރޭޝަނުން ބުނީ ފަސް ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ޝަރަޕޯވާ އަށް ދީފައިވާ ސަސްޕެންޝަނާ ގުޅޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ޝަރަޕޯވާ އޮލިމްޕިކްގައި ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"ޝަރަޕޯވާ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިޔެއް. އޭނާ އަށް ކުޅެވޭނެ ފުރުސަތެއް އޮތްތޯ ބަލަމުން މިދަނީ. ވަރަށް އަވަހަށް އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ޝަރަޕޯވާގެ ސަސްޕެންޝަނާ ގުޅޭގޮތުން ގޮތެއް ނިންމާނެ،" ރަޝިއާ ޓެނިސް ފެޑެރޭޝަނުން ބުންޏެވެ.

ލަންޑަންގައި 2012 ވަނަ އަހަރުގައި އޮތް އޮލިމްޕިކްގައި ރިހި މެޑަލް ހޯދި ރަޝިއާ ޓީމުގައި ޝަރަޕޯވާ ހިމެނެ އެވެ. ސަސްޕެންޝަންގެ ސަބަބުން ޝަރަޕޯވާ އަށް މިފަހަރުގެ އޮލިމްޕިކްސްގައި ނުކުޅެވިއްޖެނަމަ އޭނާގެ ބަދަލުގައި ކުޅޭނީ އެކަޓެރީނާ މަރަކޯވާ އެވެ.