މޮސްކޯ (ނޮވެމްބަރު 28) - އޮލިމްޕިކްސްގައި ބައިވެރިނުވެވޭ ގޮތަށް ރަޝިއާގެ އިތުރު ފަސް އެތުލީޓުން މުޅި އުމުރަށް ސަސްޕެންޑް ކުރުމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމައިފި އެވެ.
މިދިޔަ އަހަރު ލޯޔަރު ރިޗަޑް މެކްލަރެން ނެރުނު ރިޕޯޓުގައި 2011 އިން 2015 އަށް ބޭއްވި ގިނަ ކުޅިވަރު މުބާރާތްތަކުގައި ރަޝިއާގެ އެތުލީޓުން މަނާ ބޭސް ބޭނުންކޮށްގެން މަކަރު ހަދާފައިވާ ކަމަށް ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ. މި މައްސަލަ އައިއޯސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި މައްސަލަތައް ނިމޭ ވަރަކަށް މަނާބޭސް ބޭނުންކުރިކަން ސާބިތުވާ އެތުލީޓުންނަށް އަންނަނީ އަދަބު ދެމުންނެވެ.
އައިއޯސީން ވަނީ މި މަހުގެ މިހާތަނަށް ރަޝިއާގެ 19 އެތުލީޓަކު ސަސްޕެންޑްކޮށްފަ އެވެ.
މި ގޮތުން މި ފަހަރު ސަސްޕެންޑްކުރި ރަޝިއާގެ ފަސް އެތުލީޓުންނަކީ ސާޖޭއީ ކުޑިނޯވް، އަލެކްސޭއި ނިގޮޑާއިއޯ، ޑިމިޓްރީ ޓްރުނެންކޯވް، ޔާނާ ރަމަނޯވާ އަދި އޮލްގާ ވިލުކީނިއާ އެވެ.
މެކްލަރެންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރަޝިއާގެ އެތުލީޓުން މަނާ ބޭސް ބޭނުންކުރަނީ އެ ގައުމުގެ އޮފިޝަލުންގެ އެހީގައި މެޑެއްޔަށް ޓާގެޓް ކޮށްގެންނެވެ. މައްސަލަ ބެލުމަށް ފަހު މަނާ ބޭސް ބޭނުންކުރިކަން ސާބިތުވާ އެތުލީޓަކަށް އެ އިވެންޓަކުން މެޑެއްޔެއް ލިބިފައިވާ ނަމަ އައިއޯސީން އަންނަނީ އެ އެތުލީޓަކު އަތުން މެޑަލް ނަގަމުންނެވެ. އަދި މެޑަލް ނެގުމަށް ފަހު އެ އިވެންޓަކުން ދެ ވަނަ ދިޔަ އެތުލީޓަކަށް މެޑަލް ރައްދުކޮށްދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރު ސަސްޕެންޑްކުރި ފަސް އެތުލީޓުންގެ ތެެެރެއިން ނިގޮޑާއިއޯ އާއި ޓްރުނެންކޯވް އަކީ 2014 ވަނަ އަހަރު އޮތް ވިންޓަ އޮލިމްޕިކްސްގައި ބޮބްސްލީ އިން ރަން މެޑަލް ހޯދި ޓީމުގެ ދެ މެމްބަރުންނެވެ. އަދި ރަމަނޯވާ އާއި ވިލުކީނިއާ ވަނީ ބައިއާތުލޯން އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ.
އައިއޯސީން މިހާރު ދަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި އޮންނަ ވިންޓަ ގޭމްސްގައި ރަޝިއާ ބައިވެރިކުރުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކުރަމުންނެވެ. އެ ކަމަށް ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވަން ޝެޑިއުލްކޮށްފައިވާ ބައްދަލުވުމުގަ އެވެ.