އުމުރުގެ އެންމެ ފުރަތަމަ ދުވަސްތަކުގައި، ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމުން، ބޮޑުވާ ފަހުން ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވެ، ހަށިގަނޑު މުސްކުޅިވުން ލަސްކޮށްދޭ ކަމަށް ފަހުގެ ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ "ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސް" (ޕީއެންއޭއެސް) ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި، އިނގިރޭސިވިލާތުގެ ޔޫކޭ ބަޔޯބޭންކުގައި ރަޖިސްޓްރީވެފައިވާ 64،761 މީހުންގެ މައުލޫމާތު ވަނީ ތަހުލީލުކޮށްފަ އެވެ.

މި ދިރާސާގައި ސައިންސްވެރިން ބަލާފައި ވަނީ 1951 އާއި 1956 އާ ދެމެދު އިނގިރޭސިވިލާތަށް އުފަންވި މީހުންނަށެވެ. ދެވަނަ ބޮޑު ހަނގުރާމައާ ގުޅިގެން އެ ގައުމުގައި ހަކުރު ކޮންޓްރޯލްކޮށްގެން ވިއްކި ދުވަސްވަރު، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ އުމުރުން ދެ އަހަރު ވަންދެން (ފުރަތަމަ 1،000 ދުވަހު) ހަކުރު މަދުން ލިބުނު ކުދިންނާއި، 1953 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ކޮންޓްރޯލް އުވާލި ފަހުން އުފަންވި ކުދިންގެ ސިއްހީ ހާލަތު ވަނީ އަޅައިކިޔައިފަ އެވެ.

ދިރާސާއިން ހާމަވި ގޮތުގައި ޅަފަތުގައި ހަކުރު މަދުން ބޭނުންކުރި މީހުންނަށް، އުމުރުން ދުވަސްވާއިރު ފަސް ބާވަތެއްގެ ކެންސަރު ޖެހުމުގެ ފުރުސަތު 36 ޕަސެންޓާއި 69 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވި އެވެ. އޭގެ ތެރޭގައި ފުރަމޭގެ ކެންސަރު (69 ޕަސެންޓް ދަށް)، ޕްރޮސްޓޭޓް ކެންސަރު (52 ޕަސެންޓް ދަށް)، ފުއްޕާމޭގެ ކެންސަރު (41 ޕަސެންޓް ދަށް)، ގޮހޮރުގެ ކެންސަރު (40 ޕަސެންޓް ދަށް) އަދި އުރަމަތީގެ ކެންސަރު (36 ޕަސެންޓް ދަށް) ހިމެނެ އެވެ.

ހަކުރު މަދުކުރި ގުރޫޕުގެ މީހުންގެ ވައިޓް ބްލަބް ސެލްތަކުގެ ޓެލޮމިއާސް (ޑީއެންއޭ ރައްކާތެރިކޮށްދޭ ބައި) ދިގުކަން ފާހަގަކުރެވުނެވެ. މިއީ އެ މީހުންގެ ހަށިގަނޑުގެ އެތެރޭގެ އުމުރު ނުވަތަ "ބައޮލޮޖިކަލް އޭޖިން" ގާތްގަނޑަކަށް 2.2 އަހަރު ލަސްކޮށްދޭ ކަމެއް ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.

ޅަފަތުގައި ހަކުރު މަދުން ކެއި މީހުން، އުމުރުން 50 އަހަރުން މައްޗަށް ދިޔައިރު ވެސް ހަކުރު ބޭނުންކުރާ މިންވަރު މަދުވެފައި، ފައިދާހުރި ރަނގަޅު ކާނާ ކެއުމުގެ އާދަ ދެމެހެއްޓި އެވެ.

އިނގިރޭސިވިލާތުގައި ހަކުރު ކޮންޓްރޯލްކޮށްފައި އޮތް ދުވަސްވަރު ބޮޑު މީހަކަށް ދުވާލަކު ލިބުނީ ގާތްގަނޑަކަށް 40 ގްރާމް ހަކުރެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިހާރު ވެސް ލަފާދޭ މިންވަރާ ގާތް އަދަދެކެވެ. ނަމަވެސް ކޮންޓްރޯލް އުވާލުމާ އެކު، ދުވާލަކު ހަކުރު ބޭނުންކުރާ މިންވަރު 80 ގްރާމަށް އިތުރުވި އެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މި ދިރާސާއިން އެނގެނީ މާބަނޑު ދުވަސްވަރާއި ކުއްޖާގެ އުމުރުން ފުރަތަމަ ދެ އަހަރު ތެރޭގައި ދެވޭ ކާނާއަކީ، މުޅި އުމުރަށް އެ ކުއްޖާގެ ރަހަތަކާއި ދުޅަހެޔޮކަން ބައްޓަންކޮށްދޭ އެންމެ މުހިންމު އަސާސް ކަމެވެ.