ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނަށް ބޭރު ގައުމެއްގެ އެސްޓްރޮނޯޓަކު ފުރަތަމަ ފަހަރަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
ޝެންޒޯ-24 މިޝަންގައި ޗައިނާގެ ދެ އެސްޓްރޮނޯޓުންނާ އެކު ސްޕޭސް ސްޓޭޝަނަށް ދަތުރުކުރީ ޕާކިސްތާނުގެ އެއާ ފޯސްގެ ޕައިލެޓެއް ކަމަށްވާ މުހައްމަދު ޒީޝާން އަލީ އެވެ. މިއީ ޗައިނާގެ ޖައްވީ މިޝަނެއްގައި ބޭރު ގައުމެއްގެ މީހަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ޖިއުކުއާން ލޯންޗް ސެންޓަރުން ލޯންގް މާޗް 2-އެފް ރޮކެޓްގައި މި އުޅަނދު އުދުއްސާލީ މިއަދު ހެނދުނު އެވެ. އުދުއްސާލިތާ 10 މިނެޓު ތެރޭގައި ރޮކެޓާ ވަކިވެ، އޯބިޓަށް ވަދެފައިވާ ކަމަށާއި އަދި ގާތްގަނޑަކަށް ތިން ގަޑިއިރާއި ބައިގެ ދަތުރަކަށް ފަހު ސްޕޭސް ސްޓޭޝަނާ ގުޅާލާފައިވާ ކަމަށް ޗައިނާ މޭންޑް ސްޕޭސް އޭޖެންސީ (ސީއެމްއެސްއޭ) އިން ބުންޏެވެ.
މި ދަތުރުގައި ޒީޝާން އަލީއާ އެކު ބައިވެރިވީ ޗައިނާގެ ސްޕޭސްކްރާފްޓް ޕައިލެޓް ޓޭންގް ހޮންގްބޯ އާއި ފްލައިޓް އިންޖިނިއަރު ވޫ ޔީ އެވެ. ސްޕޭސް ސްޓޭޝަނަށް ވަދެ، ޗައިނާ އާއި ބޭރު ގައުމެއްގެ އެސްޓްރޮނޯޓުންގެ މެދުގައި ޖައްވުގައި ފުރަތަމަ ފަހަރަށް ސަލާމް ބަދަލުކޮށްފައިވާ ކަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.
މި ތާރީހީ ދަތުރާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ. އަދި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފާއި ފޮރިން މިނިސްޓަރު އިސްހާގް ދާރު ވެސް ވަނީ މިއީ ދެ ގައުމުގެ ގުޅުމުގެ މުހިންމު މަރުހަލާއެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ޕާކިސްތާނުގެ އެސްޓްރޮނޯޓުން ތަމްރީނު ކުރުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޕާކިސްތާނުގެ ސްޕޭސް އޭޖެންސީން ބުނި ގޮތުގައި އުމުރުން 40 އަހަރުގެ ޒީޝާން ޖައްވުގައި ކުރާ ދިރާސާތަކުގެ ތެރޭގައި ކުރިމަގުގެ ޖައްވީ މިޝަންތަކުގައި ކާނާ އާއި އޮކްސިޖަން އުފެއްދުމަށް މައިކްރޯއަލްގީ އާލާކުރުމާއި، ކިނޯއާ އޮށްތަކަށް ޖައްވީ ދަތުރުތަކުން ކުރާ އަސަރުތައް ދެނެގަތުން ހިމެނެ އެވެ.ޒީޝާން ޖައްވުގައި މަޑުކުރާނީ ގާތްގަނޑަކަށް ފަސް ދުވަހު އެވެ. އޭނާ އެނބުރި ދުނިޔެއަށް އަންނާނީ މިދިޔަ މެއި މަހު ސްޕޭސް ސްޓޭޝަނަށް ދިޔަ ޝެންޒޯ-23 އުޅަނދުގައި ހޮންގްކޮންގުގެ ފުރަތަމަ އެސްޓްރޮނޯޓް ލައި ކާ-ޔިންގް އާއި ޒެންގް ޒިޔުއާންއާ އެކުގަ އެވެ. ނަމަވެސް އެ އުޅަނދުން ދިޔަ ޒޫ ޔަންގްޒޫ ޖައްވުގައި އެއް އަހަރު ފުރިހަމަ ކުރުމަށް ސްޓޭޝަންގައި މަޑުކުރާނެ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވާޖިން ގެލެކްޓިކްގެ ދަތުރެއްގައި ޕާކިސްތާނުގެ ނަމީރާ ސަލީމް ވަނީ ޖައްވަށް ގޮސްފަ އެވެ. އެހެންކަމުން ޒީޝާން ވެގެންދާނީ ޖައްވަށް ދިޔަ ޕާކިސްތާނުގެ ދެވަނަ މީހާއަށެވެ.ޗައިނާ އިން އަންނަނީ 2030 ވަނަ އަހަރުގެ ކުރިން ހަނދަށް އިންސާނުން ފޮނުވުމަށް ބިލިއަނުން ޑޮލަރު ހަރަދުކޮށްގެން ޖައްވީ ޕްރޮގްރާމް ފުޅާކުރަމުންނެވެ.