މަގާމުން ދުރުކޮށްފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ، އިންޑިއާގައި އަރުވާލެވިގެން ހުންނެވުމަށް ފަހު އަންނަ މަހުގެ 16 ވަނަ ދުވަހު އެނބުރި ގައުމަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ނަސްރުގެ ދުވަހާ ދިމާކޮށް އެނބުރި ގައުމަށް ވަޑައިގަތުމަށް ހަސީނާ ނިންމަވާފައިވާއިރު، އޭނާ ގައުމަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގައި ވަނީ އެދިވަޑައިގެންފަ އެވެ.

ހަސީނާގެ ތަރުޖަމާނާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ، ނިއު ދިއްލީން ޑާކާއަށް ހަސީނާ ގެންދިއުމަށް ބަންގްލަދޭޝްގެ ގައުމީ އެއާލައިން ކަމަށްވާ ބިމާން ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއް ހަމަޖައްސައިދިނުމަށް ސަރުކާރުގައި އެދިފައިވާ ކަމަށެވެ.

އެނބުރި ގައުމަށް ވަޑައިގަތުމަށްޓަކައި ހަސީނާގެ ވަކީލުން ވަނީ އާ ޕާސްޕޯޓަކަށް ވެސް އެދި ހުށަހަޅައިފަ އެވެ. ހަމައެއާއެކު، މަރުގެ އިންޒާރު އޮތަސް ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ދާދި ފަހުން އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވެފައި ވަނީ، އެނބުރި ގައުމަށް ދިއުމުން ކުރިމަތިވާނެ ނުރައްކާތައް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް މަރުގެ އެއްވެސް އިންޒާރަކަށް އަމިއްލަ ގައުމާ ދުރުނުކުރެވޭނެ ކަމަށެވެ.

ބަންގްލަދޭޝްގައި 15 އަހަރު ވެރިކަން ކުރެއްވި ހަސީނާގެ ވެރިކަން 2024 ވަނަ އަހަރު ވެއްޓުނީ ދަރިވަރުން އިސްވެ ތިބެ ކުރި މުޒާހަރާތަކަކާ ގުޅިގެންނެވެ. އޮގަސްޓް 2024 ގައި އޭނާ އިންޑިއާއަށް ފިއްލަވައިގެން ވަޑައިގެންފައިވާ އިރު، އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ގުޅިގެން ޣައިރު ހާޒިރުގައި ވަނީ މަރުގެ ހުކުމެއް އިއްވާފަ އެވެ.

އެނބުރި ވަޑައިގެންފި ނަމަ އެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބަންގްލަދޭޝްގެ ޕްރޮސެކިއުޓަރުން ވިދާޅުވަމުންދާއިރު، އޭނާ ހަވާލުކޮށްދިނުމަށް އެދިފައިވާ މައްސަލަ އިންޑިއާއިން އަންނަނީ ދިރާސާކުރަމުންނެވެ.