އިންޑިއާގެ މަޝްހޫރު "ބިސްލެރީ" ބްރޭންޑުގެ ފެން ސާމްޕަލަކުން ކެންސަރަށް މަގުފަހިވާ މާއްދާތަކެއް ފެނުމާ ގުޅިގެން، އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި ދައުވާކުރަން އެ ގައުމުގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް އޮތޯރިޓީ އޮފް އިންޑިއާ (އެފްއެސްއެސްއޭއައި) އިން ނިންމައިފި އެވެ.
އެ އޮތޯރިޓީން ބިސްލެރީ އިންޓަނޭޝަނަލްގެ ފެން ފެކްޓަރީއަކުން ނެގި ސާމްޕަލެއް ލެބޯޓްރީން ތަހުލީލުކުރި އިރު، އޭގައި "ބްރޮމޭޓް" ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރަށް ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. ބްރޮމޭޓަކީ އިންސާނުންގެ ހަށިގަނޑުގައި ކެންސަރު އުފެދުމަށް މަގުފަހިކުރާ ނުރައްކާތެރި ކެމިކަލް މާއްދާއެކެވެ.
އެފްއެސްއެސްއޭއައިގެ ފުރަތަމަ ތަހުލީލުގެ ނަތީޖާ ބިސްލެރީން އިސްތިއުނާފު ކުރުމުން، އެ ސާމްޕަލް ވަނީ ރިފަރަލް ފުޑް ލެބޯޓްރީއަކުން ދެވަނަ ފަހަރަށް ވެސް ތަހުލީލުކޮށްފަ އެވެ. އެ ލެބޯޓްރީގެ ނަތީޖާ އިން ވެސް އެ ފެނަކީ ބޭނުންކުރަން ރައްކާތެރި އެއްޗެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ދެވަނަ ތަހުލީލުން ވަނީ ކެންސަރަށް މަގުފަހިވާ އެހެން މާއްދާއެއް ކަމަށްވާ ޕޮލީނިއުކްލިއާ އެރޮމެޓިކް ހައިޑްރޯކާބަންސް (ޕީއޭއެޗް) އެ ފެނުގައި ހުރިކަން ޔަގީންވެފަ އެވެ.
މި ނަތީޖާތަކާ ގުޅިގެން އެފްއެސްއެސްއޭއައި އިން މިހާރު ވަނީ އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަޑްސް ގާނޫނުގެ ދަށުން ބިސްލެރީއާ ދެކޮޅަށް ދައުވާކުރުމުގެ ހުއްދަ ދީފަ އެވެ.
މިއީ އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އެޅި ފިޔަވަޅެކެވެ. މި އޮޕަރޭޝަންގެ ދަށުން މިންގަނޑަށް ނުފެތޭ ބައެއް ކުންފުނިތަކުގެ ލައިސަންސް ހިފަހައްޓައި، ބާޒާރުން ބައެއް އުފެއްދުންތައް ނެގުމަށް ވެސް ވަނީ އަންގައިފަ އެވެ.