ތުރުކީގެ މާލީ ބާޒާރުގައި ހިންގި 20 ބިލިއަން ޑޮލަރުގެ ބޮޑު މަކަރާއި ހީލަތުގެ މައްސަލައެއް ފަޅާއަރައި، އާންމުންގެ ގިނަ އަދަދެއްގެ ބައެއްގެ ފައިސާ ގެއްލުމާ ގުޅިގެން އެ ގައުމުގެ އިދާރާތަކުން ވަރުގަދަ ތަހުގީގެއް ކުރިއަށް ގެންދާއިރު މިހާތަނަށް 108 މީހެއްގެ މުދާތައް ހިފަހައްޓާފައިވާ ކަމަށް ބުނެފި އެވެ.
ލޯކަލް މީޑިއާތަކުން "ފޮންޒީ" ސްކީމްގެ ނަމުން ނަން ދީފައިވާ މި މައްސަލައިގައި 455،000 އަށް ވުރެ ގިނަ އާންމު އިންވެސްޓަރުންގެ ފައިސާ ވަނީ ތާށިވެފަ އެވެ.
މި މައްސަލައިގެ އަސްލަކީ "ޕުސޫލާ ޕޯޓްފޯއި"، "ޓެރާ ޕޯޓްފޯއި" އަދި "އެޓްލަސް" ފަދަ އެސެޓް މެނޭޖްމަންޓް ކުންފުނިތަކުން އިންވެސްޓްމަންޓް ފަންޑުތައް މެދުވެރިކޮށް، މާ ބޮޑު ވިޔަފާރިއެއް ނުހިނގާ ކުދި ކުންފުނިތަކުގެ ހިއްސާގެ އަގު އާޓިފިޝަލްކޮށް މަތިކުރުމެވެ. ތުރުކީގައި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި، އަތުގައި ހުރި ފައިސާ ރައްކާތެރިކޮށް ބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައި އެތައް ލައްކަ ބަޔަކު މި ފަންޑުތަކަށް ފައިސާ ލި އެވެ.
ނަމަވެސް، މިދިޔަ އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އެ ގައުމުގެ ރެގިއުލޭޓަރުން ގަވާއިދުތައް ހަރުކަށިކުރުމާ ގުޅިގެން، އިންވެސްޓަރުން އެ މީހުންގެ ފައިސާ އަނބުރާ ނަގަން މަސައްކަތް ފެށި އެވެ. އެ ހިސާބުން، އަގު މަތިކޮށްފައި ހުރި ހިއްސާތައް ވިއްކާލައިގެން އާންމުންނަށް ދޭނެ ފައިސާއެއް އެ ފަންޑުތަކުގައި ނެތްކަން ހާމަވެ، ތުރުކީގެ ހިއްސާގެ ބާޒާރު (ބޯސާ އިސްތަންބޫލް) އަށް ބޮޑު ލޮޅުމެއް އެރި އެވެ.
މި މައްސަލައާ ގުޅިގެން ތުރުކީގެ ކެޕިޓަލް މާކެޓްސް ބޯޑު (އެސްޕީކޭ) އިން ވަނީ ހަތް ކުންފުންޏަކުން ހިންގަމުން ދިޔަ 131 އިންވެސްޓްމަންޓް ފަންޑެއްގެ ވިޔަފާރި މިދިޔަ ސެޕްޓެމްބަރު 17 ގައި ހުއްޓުވައި، އެ ފަންޑުތައް އުވާލަން އަމުރުކޮށްފަ އެވެ.
ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަކިން ގުރްލެކް ވިދާޅުވި ގޮތުގައި، އިސްތަންބޫލްގެ ޗީފް ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ކުރިއަށް ގެންދާ މި ތަހުގީގުގައި ތުހުމަތުކުރެވޭ މީހުންގެ އަދަދު މިހާރު ވަނީ 632 އަށް އަރައިފަ އެވެ. އަދި މި މައްސަލައާ ގުޅުން ހުރި 91 ކުންފުންޏެއް ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
މި މައްސަލައިގައި ހައްޔަރުކުރި އިސް ބޭފުޅުންގެ ތެރޭގައި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކުރި ބޯސާ އިސްތަންބޫލްގެ ސީއީއޯ ކޮރްކްމާޒް އެރްގުން ހިމެނެ އެވެ. މީގެ އިތުރުން، މާކެޓް މެނިޕިއުލޭޓް ކޮށްގެން 100 މިލިއަން ލީރާ (2 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއް) އަށް ވުރެ ބޮޑު ފައިދާއެއް ހޯދި 108 މީހެއްގެ އެސެޓްތައް ޕްރޮސެކިއުޓަރުން ވަނީ ފްރީޒްކޮށްފަ އެވެ.
މި ސްކޭމްގެ ސަބަބުން ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) އަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ފަންޑުތައް ފްރީޒްކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ގިނަ އަދަދެއްގެ ހިއްސާ ވިއްކާލި ކަމުގެ ތުހުމަތުގައި، ކުރީގެ މިނިސްޓަރު އަދި އޭކޭޕީގެ ޑެޕިއުޓީ ޗެއާ ފާތިމާ ބެތުލް ސަޔާން ކާޔާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް އުރުދުޣާން ވިދާޅުވި ގޮތުގައި، ފަންޑުތައް އުވާލުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާތަނަށް 317،000 އިންވެސްޓަރުންނަށް ޖުމްލަ 161 ބިލިއަން ލީރާ ވަނީ އަނބުރާ ދޫކޮށްފަ އެވެ.