ރާމަﷲ، ފަލަސްތީން - އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ ހަތަރު އަވަށެއްގައި ފަލަސްތީނު ރައްޔިތުންގެ އުޅަނދުތަކާއި މުދަލަށް ގެއްލުންދީ ހުޅުޖެހި މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް އިޒްރޭލުގެ ކަމާބެހޭ އިދާރާތަކުން މިއަދު ބުނެފި އެވެ.

ފަލަސްތީނުގެ އެކްޓިވިސްޓަކު ބުނި ގޮތުގައި މި ހަމަލާތައް ދީފައިވަނީ އިޒްރޭލުގެ ވަޒަންވެރިންނެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނީ ދީރް އައްސޫދާން، ދީރް އަބޫ މަޝްއަލް، ކަފްރު މާލިކް އަދި އައްތުވާނީ އަވަށުގައި އުޅަނދުތަކުގައި ހުޅުޖަހައި ފާރުތަކުގައި އެއްޗެހި ލިޔެފައިވާ ކަމުގެ ރިޕޯޓުތަކާއި ފޮޓޯތައް އާންމުވުމާ ގުޅިގެން އެ ސަރަހައްދަށް ސިފައިންނާއި ފުލުހުން ފޮނުވާފައިވާ ކަމަށެވެ. އަދި މި އަމަލުތައް "ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އުޅަނދުތަކުގައި އަލިފާން ރޯވެފައިވާއިރު، ހުޅަނގު އައްސޭރިއަށް ނިސްބަތްކޮށް ތައުރާތުގައި ބޭނުންކުރާ ނަން ބޭނުންކޮށްގެން ފާރުތަކުގައި ވަނީ ނަސްލީ ޝިއާރުތައް ލިޔެފަ އެވެ.

އިޒްރޭލު ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ.

ފަލަސްތީނު މީހުންނަށް ނަސްލީ ގޮތުން ނިސްބަތްކޮށް ޔަހޫދީން ލިޔެފައިވާ ނަފްރަތުގެ ލިޔުންތަކެއް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނު މީހުންނަށް ނަސްލީ ގޮތުން ނިސްބަތްކޮށް ޔަހޫދީން ލިޔެފައިވާ ނަފްރަތުގެ ލިޔުންތަކެއް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ

ރާމަﷲ ގަވަރުނަރޭޓްގެ ކަފްރު މާލިކް އަވަށުގެ އެކްޓިވިސްޓެއް ކަމަށްވާ ޖިހާދު އަލް ގާގް އޭއެފްޕީއަށް ބުނީ މެންދަމު 2:00 ހާއިރު ވަޒަންވެރިން އެ އަވަށުގެ އުތުރު ފަރާތަށް އަރައި ހަމަލާދިން ކަމަށެވެ.

"އެ މީހުން އަށް އުޅަނދެއްގައި ރޯކޮށްލައި، ގެތަކުގެ ފާރުތަކުގައި ނަސްލީ ޝިއާރުތައް ލިޔުނު،" އޭނާ ބުންޏެވެ.

އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވާދަވެރިޔާ އަދި އާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތަކުގައި އިސްކޮށް އުޅޭ ގާދީ އައިޒެންކޮޓް ވެސް ވަނީ އެކްސްގައި މި އަމަލުތައް ކުށްވެރިކޮށްފަ އެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ "ޔަހޫދީ ޓެރަރިޒަމް" އެވެ.

އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން ޣައްޒާ ހަނގުރާމަ ފެށުނު ފަހުން، 1967 އިން ފެށިގެން އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގައި ހިންގާ ހަމަނުޖެހުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އާބާދީތަކުގައި އިޒްރޭލުގެ 500،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު، އެ ސަރަހައްދުގައި ފަލަސްތީނުގެ ތިން މިލިއަނެއްހާ ރައްޔިތުން އުޅެ އެވެ.

ޔަހޫދީން ހުޅަނގު އައްސޭރީގައި ހުޅުޖަހައި ގެއްލުން ދީފައި ހުރި ފަލަސްތީނު މީހުންގެ ކާރުތަކެއް ކައިރިން މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ
ޔަހޫދީން ހުޅަނގު އައްސޭރީގައި ހުޅުޖަހައި ގެއްލުން ދީފައި ހުރި ފަލަސްތީނު މީހުންގެ ކާރުތަކެއް ކައިރިން މީހަކު ހިނގާފައި ދަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބިނާކޮށް އޭއެފްޕީން އެއްކޮށްފައިވާ މައުލޫމާތުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ހުޅަނގު އައްސޭރިން ފަލަސްތީނުގެ މަދުވެގެން 1،119 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި އިޒްރޭލުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ފަލަސްތީނު މީހުންގެ ހަމަލާތަކުގައާއި ކުރިމަތިލުންތަކުގައި ސިފައިން ހިމެނޭހެން އިޒްރޭލުގެ މަދުވެގެން 51 މީހުން ވަނީ މަރުވެފަ އެވެ.

މި ހަމަލާތައް ދީފައި މިވަނީ، ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދީތައް ހެދުމުގައި ބައިވެރިވާ އިޒްރޭލުގެ އަށް ކުންފުންޏަކަށް އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން އިއުލާންކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ. -- އޭއެފްޕީ