ހާޒްލިޔާ، އިޒްރޭލު - އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޕާޓީ އާއި އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ގަދީ އައިޒެންކޮޓްގެ ޕާޓީން، ކޯލިޝަން ސަރުކާރެއް އެކުލަވާލުމާ ގުޅޭ ގޮތުން އާ ބުރެއްގެ މަޝްވަރާތައް މިއަދު ފަށައިފި އެވެ.

ތެލް އަވީވް ކައިރީގައި އޮންނަ ހާޒްލިޔާގެ ހޮޓަލެއްގައި އައިޒެންކޮޓްގެ ޔަޝާރު ޕާޓީ އާއި ނަތަންޔާހޫގެ ލިކޫޑް ޕާޓީގެ ވަފުދުތަކުން މިއަދު މަޝްވަރާތައް ފެށިއިރު، މިއީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ފަހު ކުރިއަށްގެންދާ ބައްދަލުވުމެކެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި އާންމު އިންތިހާބުގައި އެއްވެސް ފެކްޝަނަކަށް ސާފު އަޣުލަބިއްޔަތު ލިބިފައި ނުވާތީ، ސަރުކާރެއް އެކުލަވާލުމަށް ކުރީގެ އަސްކަރީ ވެރިޔާ އައިޒެންކޮޓަށް ދީފައިވާ މުއްދަތު އަންނަ މަހުގެ ހަ ވަނަ ދުވަހަށް ހަމަވާނެ އެވެ. ނަމަވެސް އިތުރު 14 ދުވަހުގެ މުއްދަތެއް އޭނާ އަށް ލިބުމުގެ ފުރުސަތު އެބައޮތެވެ.

ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް 61 މެންބަރުންގެ ތާއީދު ބޭނުންވާއިރު، 48 މެންބަރުން ހިމެނޭ އައިޒެންކޮޓްގެ އިއްތިހާދުގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެއީ ހަރުކަށި ދީނީ ޕާޓީތަކާ ގުޅިގެން ސަރުކާރެއް ހަދާނީތޯ، ނުވަތަ އަރަބި ޕާޓީތަކުގެ ތާއީދު ހޯދާނީތޯ، ނޫން ނަމަ ލިކޫޑް ޕާޓީއާ އެކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާނީތޯ ނިންމުމުގަ އެވެ.

ނަތަންޔާހޫ ބާރުއަޅަނީ ދެ ލީޑަރުންގެ މެދުގައި ބޮޑުވަޒީރުކަން ބަދަލުވާ ގޮތަށް (ރޮޓޭޝަން އުސޫލުން) ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ.

މިފަދަ އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ސިޔާސީ ހިމާޔަތް ހޯދުމުގެ ފުރުސަތު އޭނާ އަށް ލިބޭނެ އެވެ. އަދި އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާގެ ކުރިން އިޒްރޭލުގެ ސަލާމަތީ ކަންކަން ފެއިލްވި ގޮތް ބެލުމަށް މިނިވަން ކޮމިޝަނެއް އުފެއްދުމާ ދެކޮޅަށް އޭނާ ގެންގުޅޭ ސިޔާސަތު ދެމެހެއްޓުމަށް ވެސް މަގުފަހިވާނެ އެވެ.

ނަމަވެސް ނަތަންޔާހޫ އިސްވެ ހުންނަ ކެބިނެޓެއްގައި މަސައްކަތް ނުކުރާނެ ކަމަށް އައިޒެންކޮޓް ވަނީ ބުނެފަ އެވެ. އައިޒެންކޮޓްގެ ކެމްޕެއިން ވެސް ބިނާކުރީ ނަތަންޔާހޫއާ ދެކޮޅަށެވެ. އައިޒެންކޮޓްގެ ބައިވެރިއެއް ކަމަށްވާ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެސް އިއްޔެ ވަނީ، އެއްވެސް ހާލެއްގައި ނަތަންޔާހޫ ނުވަތަ އޭނާގެ ފެކްޝަނާ އެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެފަ އެވެ.

ގައުމީ އެއްބައިވަންތަކަން؟

އަލުން މަޝްވަރާތައް ފެށުމާ ގުޅޭ ގޮތުން ޔަޝާރު ޕާޓީން އިއްޔެ ބުނީ އެއީ ވީހާވެސް ފުޅާ ދާއިރާއެއްގައި ސަރުކާރެއް އެކުލަވާލުމަށް އެ ޕާޓީން ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށާއި، ހުރިހާ އިހުތިޔާރުތަކެއް ދިރާސާކުރުމަށް އައިޒެންކޮޓް ވަފުދަށް އަންގަވާފައިވާ ކަމަށެވެ.

އެކަމަކު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ބައިވެރިވުމަށް ލިކޫޑް ޕާޓީން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ. އޭގެ ތެރޭގައި ނަތަންޔާހޫ އާއި އޭނާގެ ސަރުކާރަށް އަމާޒުކޮށް ދޭ ޒާތީ ހަމަލާތަކާއި ނަފުރަތު އުފެއްދުން ހުއްޓާލުން ހިމެނެ އެވެ. އަދި އަރަބި ޕާޓީތައް ބައިވެރިނުކޮށް، އިޒްރޭލަކީ ޔަހޫދީންގެ ދައުލަތެއްގެ ގޮތުގައި ގަބޫލުކުރާ ހުރިހާ ޕާޓީއެއް އެކުވެގެން ސަރުކާރެއް ހެދުމަށް ވެސް އެ ޕާޓީން ގޮވާލާފައިވެ އެވެ.

މިދިޔަ އިންތިހާބުގައި 19 ގޮނޑިއާ އެކު ރެކޯޑް އަދަދަކަށް ގޮނޑި ކާމިޔާބުކުރި އަރަބި ޕާޓީތަކުން ތިބީ ނަތަންޔާހޫ ވެރިކަމުގައި ހުރުމާ ދެކޮޅަށެވެ. މީގެ އިތުރުން، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާ ދެކޮޅު ހެދުމާއި، ސީރިއާ، ލުބުނާން އަދި ޣައްޒާގެ ސަރަހައްދުތަކުގައި އިޒްރޭލުގެ ކޮންޓްރޯލް ދެމެހެއްޓުމުގެ އިތުރުން ހަރުކަށި ދީނީ ޔަހޫދީން އަސްކަރިއްޔާ އަށް ވެއްދުމުގެ މައްސަލައިގައި އެއްބަސްވުމަކަށް އައުމަށް ވެސް ލިކޫޑް ޕާޓީން ވަނީ ޝަރުތުކޮށްފަ އެވެ.

މަޝްވަރާތައް މާ ބޮޑަށް ދިގުލައިގެން ދާން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ދެމުން، "ކުއްލި ހާލަތުގެ ގައުމީ ސަރުކާރެއް" މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކަމަށް އައިޒެންކޮޓް މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

އޭގެ ތަފްސީލެއް ނުދިން ނަމަވެސް، އޭނާގެ ވާހަކަތަކުން ދޭހަވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ސަރުކާރު އެކުލަވާލަން ރާވާފައިވާ ކަމެވެ. އެއީ އިދިކޮޅު މައި ޕާޓީތައް ހިމެނޭހެން އަވަހަށް މައިނޯރިޓީ ސަރުކާރެއް އުފެއްދުމަށް ފަހު، ފަހުން އެ ސަރުކާރު ފުޅާކުރުމެވެ.

އައިޒެންކޮޓްގެ މައިނޯރިޓީ ސަރުކާރަކަށް އަރަބި ޕާޓީތަކުގެ 19 މެންބަރުންގެ ތާއީދު ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، އައިޒެންކޮޓްގެ ކަނާތުފިޔައިގެ ބައިވެރިއެއް ކަމަށްވާ އަވިގްދޯ ލިބަމަން ވަނީ އަރަބި ޕާޓީތަކާ އެކު މަސައްކަތް ކުރުމަށް ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި އޭނާ ވަކާލާތުކުރަނީ ހަރުކަށި ދީނީ ޕާޓީތަކާ އެކު އިއްތިހާދެއް ހެދުމަށެވެ.  -- އޭއެފްޕީ