މެކްސިކޯ ސިޓީ (ނޮވެމްބަރު 21) – އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ހައްޔަރުކުރަން އެންމެ ބޮޑަށް ބޭނުންވާ 10 ކުށްވެރިންގެ ލިސްޓުގައި ހިމެނޭ، މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއްގެ ލީޑަރު، މެކްސިކޯގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފި އެވެ.

މެކްސިކޯގެ ނޭޝަނަލް ޑިފެންސް ސެކްރެޓޭރިއެޓުން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، "ޗާޕޯ އިސިޑްރޯ" ގެ ނަމުން މަޝްހޫރުވެފައިވާ ފައުސްޓޯ އިސިޑްރޯ މޭޒާ އާއި އޭނާގެ ގޭންގުގެ އިތުރު ދެ ލީޑަރަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ސިނަލޯއާ ސްޓޭޓްގައި ހިންގި ސްޕެޝަލް ފޯސަސްގެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގި ގުއަސާވޭ އަވަށުގައި އަސްކަރިއްޔާ އާއި ގޭންގު މެންބަރުންނާ ދެމެދު ބަޑީގެ ހަމަލާތަކެއް ބަދަލުކުރި އެވެ.  އެ ސަރަހައްދުގައި އޮތް ޕްރޮފެޝަނަލް ބޭސްބޯލް މެޗެއް ބަލަން ތިބި މީހުންނާއި އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް މި ކަމުގެ ސަބަބުން އުފެދުނު ކަމަށް މެކްސިކޯގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މެކްސިކޯގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ޗާޕޯ އިސިޑްރޯ އަކީ ނުފޫޒުގަދަ ސިނަލޯއާ ކާޓެލްގެ ވާދަވެރި ދެ ފެކްޝަންގެ ތެރެއިން އެއް ފެކްޝަނާ ގުޅިފައިވާ "ބެލްޓްރާން ލޭވާ" ގޭންގުގެ ލީޑަރު ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާއާ އެކު ހައްޔަރުކޮށްފައިވަނީ އެ ގްރޫޕުގެ ދެވަނަ އަށް އެންމެ އިސް މީހާ އާއި މާލީ ކަންކަން ބަލަހައްޓާ މީހާ އެވެ.

އެ ތިން މީހުން ވެސް މެކްސިކޯގެ އެއާ ފޯސްގެ މަތިންދާބޯޓެއްގައި މިހާރު ވަނީ ވެރިރަށް މެކްސިކޯ ސިޓީއަށް ގެންގޮސް، ކޯޓު މަރުހަލާތައް ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ހަވާލުކޮށްފަ އެވެ.

މެކްސިކޯ އާއި އެމެރިކާގައި ވެސް ޖިނާއީ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ޗާޕޯ އިސިޑްރޯ ހައްޔަރުކުރުމަށް މައުލޫމާތު ދޭ ފަރާތަކަށް އެފްބީއައި އިން ވަނީ ފަސް މިލިއަން ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ. އެފްބީއައިގެ ރެކޯޑްތައް ދައްކާ ގޮތުން ފައުސްޓޯ އިސިޑްރޯ މޭޒާ-ފްލޯރެސް އިސްވެ ހުންނަ ގޭންގަކީ އެމެރިކާއަށް ގިނަ އަދަދެއްގެ ހެރޮއިން، މެތަމްފެޓަމިން، ކޮކެއިން، ފެންޓަނިލް އަދި މެރުއާނާ އެތެރެކުރުމުގެ ތުހުމަތު އޮންނަ ގްރޫޕެކެވެ. -- އޭއެފްޕީ