ނިއު ދިއްލީ (ނޮވެމްބަރު 21) - އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ މަނީޕޫރުގައި، ވިހަވެފައިވާ ކަމަށް ބެލެވޭ ބަނގުރާ ބޮއެގެން، މަދުވެގެން 11 މީހަކު މަރުވެ، 180 އަށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.

މަނީޕޫރުގެ ޗީފް މިނިސްޓަރު ޔުމްނަމް ކެމްޗަންދު ސިންގް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މީހުން ހާލު ދެރަވީ އެއް ބާވަތެއްގެ ބަނގުރާ ބުއިމަށް ފަހު ކަމަށެވެ.

"މިހާތަނަށް ދެ ހޮސްޕިޓަލެއްގައި 180 އަށް ވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނައިރު، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މަރުވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައި،" އެ ބަޔާނުގައިވެ އެވެ.

ޗީފް މިނިސްޓަރު ވަނީ މި ހާދިސާ ތަހުގީގު ކުރުމަށް އަމުރުކުރައްވައި، މިކަމުގައި ޒިންމާވާ މީހުން ހައްޔަރުކޮށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގަވާއިދާ ހިލާފަށް އުފައްދާ ނުވަތަ އެކި ބާވަތްތައް އެއްކޮށްގެން ވިއްކާ ބަނގުރާ ބޮއެގެން މީހުން މަރުވުމުގެ ހާދިސާތައް އިންޑިއާގައި އާންމުކޮށް ހިނގަ އެވެ. ހުއްދަ ނެތް ފަރާތްތަކުން އަގުހެޔޮކޮށް ވިއްކާ މިފަދަ ބަނގުރަލުގައި، ސިނާއީ ބޭނުންތަކަށް ގެންގުޅޭ ނުރައްކާތެރި ވިހަ ކެމިކަލެއް ކަމަށްވާ މެތަނޯލް އެކުލެވެ އެވެ.

މިދިޔަ މެއި މަހު ވެސް ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތުރާގެ ޕޫނޭ އާއި އެތަނާ ކައިރީގައި އޮންނަ ޕިމްޕްރީ-ޗިންޗްވާޑްގައި މެތަނޯލް އެކުލެވޭ ބަނގުރާ ބޮއެގެން މަދުވެގެން 15 މީހަކު މަރުވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ގުޖުރާތުގެ ބަވްނަގަރު ޑިސްޓްރިކްޓްގައި ވެސް މިފަދަ ބަނގުރާ ބޮއެގެން 13 މީހަކު މަރުވެ، 60 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެއް ޑޮލަރަށް ވުރެ ވެސް ހެޔޮ އަގުގައި ފުޅިއެއް ލިބެން ހުންނަ މިފަދަ ބަނގުރާ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރެ އެވެ. މެތަނޯލް ހަށިގަނޑަށް އެތެރެވުމުން ލޯ އަނދިރިވުމާއި ފުރަމޭ ހަލާކުވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވެ، ގިނަ އަދަދަކަށް ބޮވިއްޖެ ނަމަ ފުރާނައަށް ނުރައްކާވެ އެވެ. -- އޭއެފްޕީ