މި އަހަރުގެ ނިޔަލަށް ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުނުކޮށްފި ނަމަ، އިނގިރޭސިވިލާތާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައި ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސް އިން ބުނެފި އެވެ.

މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލާމް ވިދާޅުވީ، ޗާގޯސްގެ މައްސަލަ ދިގުލައިގެންދާތީ އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމްއާ ބައްދަލުކުރެއްވުމަށް ފަހު، އިނގިރޭސި ސަރުކާރާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ޕްލޭންތައް މިހާރު ފައިނަލް ކޮށްފައިވާ ކަމަށެވެ.

"މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މަޝްވަރާ އާއި ޑިޕްލޮމެސީގެ ތެރެއިން މި މައްސަލަ ހައްލުކުރުމަށް މޮރިޝަސް އިން އަދިވެސް އޮތީ ހުޅުވިފައި. ނަމަވެސް، އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބޭނުންވެއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޮރިޝަސް އޮތީ ތައްޔާރަށް،" ރާމްގޫލާމް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ސާކިއާ ސްޓާމާގެ ވެރިކަމުގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން އެއްބަސްވެފައިވި ނަމަވެސް، އެ އެއްބަސްވުން ތަންފީޒުކުރުން މަޑުޖެހިފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިއްތުންތަކާ ހެދި އެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޓްރަމްޕާއި އިނގިރޭސި ބޮޑުވަޒީރު ބާންހަމް ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އެ އެއްބަސްވުމަކީ "ވަރަށް ގޯސް އެއްބަސްވުމެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން، ޑިއޭގޯ ގާސިއާގައި އޮންނަ އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރީ މަރުކަޒަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

އެ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް ފަހު، ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު 99 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް އިނގިރޭސިވިލާތުން ވަނީ އެއްބަސްވެފަ އެވެ. އެ ގޮތުން، ފުރަތަމަ ތިން އަހަރު އަހަރަކު 165 މިލިއަން ޕައުންޑް އަދި ހަތަރު ވަނަ އަހަރުން ފެށިގެން އަހަރަކު 120 މިލިއަން ޕައުންޑް މޮރިޝަސްއަށް ދައްކަން ޖެހެ އެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު އިނގިރޭސި ޕާލަމެންޓުން ވަނީ އެ މުއާހަދާ ތަސްދީގުކުރުން ހުއްޓުވައިފަ އެވެ.

މި މަހުގެ ކުރީކޮޅު އެންޓީގާގައި ބޭއްވި ކޮމަންވެލްތު ސަމިޓުގެ ހަވާސާގައި ބާންހަމް އާއި ރާމްގޫލާމް ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުން ބުނީ، އަހަރު ނިމުމުގެ ކުރިން އެކަމުގައި ކުރިއެރުންތަކެއް ހޯދުމަށް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެމެރިކާގެ ކަންބޮޑުވުންތަކަށް ހައްލެއް ލިބޭނެ ގޮތަށް އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމާ މެދު އެމެރިކާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބާންހަމް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ރާމްގޫލާމް ވިދާޅުވީ، އަސްކަރީ ސަލާމަތަށް މޮރިޝަސް އިން އެއްވެސް ހުރަހެއް ނާޅާނެ ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ މުއާހަދާ ފުރިހަމަވުމުން ޑިއޭގޯ ގާސިއާގެ އަސްކަރީ މަރުކަޒަށް މިހާރު ނެތް ގާނޫނީ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ.