ނިއު ޔޯކް (ނޮވެމްބަރު 19) - އެމެރިކާގައި ދާދި ފަހުން ބޭއްވި މިޑް ޓާމް އިލެކްޝަން ނާކާމިޔާބުވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންގެ ކެމްޕެއިންތަކަށް ބައި ބިލިއަނެއްހާ ޑޮލަރު ހޭދަކުރެވުމުން މިހާރު "މޮޔަހީވާ" ކަމަށް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް ބުނެފި އެވެ.

ނިއު ޔޯކް ޓައިމްސްގެ "ޑީލްބުކް" ކޮންފަރެންސްގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަމުން މަސްކް ބުނީ، އެހާ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރުމަށް ފަހު މާ ބޮޑު ނަތީޖާއެއް ނުފެނުމުން މޮޔަހީވާ ކަމަށެވެ. ނަމަވެސް، އެ ފައިސާ ހޭދަނުކުރި ނަމަ ނަތީޖާ މިއަށްވުރެ މާ ގޯސްވުން ވެސް އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.

މި އިންތިހާބުގައި މަސްކްގެ އަމާޒަކަށް ވެފައި އޮތީ ރިޔާސަތު ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއިން ކުރެ ކޮންމެވެސް އެއް ގެއެއް އެއް ޕާޓީއެއްގެ ބާރުގެ ދަށަށް ގެނައުމެވެ. ނަމަވެސް، އޭނާ ތާއީދުކުރި ގިނަ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނެވެ.

ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ ބުނި ގޮތުގައި، މި ނަތީޖާއިން ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އެމެރިކާގެ އިންތިހާބުތަކަކީ ހަމައެކަނި ފައިސާއިން ނިންމޭނެ ކަންކަން ނޫން ކަމެވެ. އަދި އިންތިހާބަކަށް ކިތަންމެ ގިނަ ފައިސާއެއް ހޭދަކުރި ނަމަވެސް، އެކަމުގެ ސަބަބުން ކުރާ އަސަރު ވަރަށް ކުޑަވެދާނެކަން މި ފަހަރު ފެނިއްޖެ ކަމަށް އޭނާ ބުންޏެވެ.

މިއީ އެމެރިކާގެ ސިޔާސީ ކަންކަމަށް މަސްކް ފައިސާ ހޭދަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވައިޓް ހައުސްއަށް ގެނައުމަށް ވެސް މަސްކް ވަނީ 250 މިލިއަން ޑޮލަރަށް ވުރެ ގިނައިން ހޭދަކޮށްފަ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުގެ "ޑިޕާޓްމަންޓް އޮފް ގަވަމަންޓް އެފިޝަންސީ" (ޑޯޖް) ގެ އިސްވެރިޔާގެ މަގާމު ވެސް ކުރު މުއްދަތަކަށް އޭނާ ފުރުއްވި އެވެ. ދެ ބޭފުޅުންގެ މެދުގައި އާންމުކޮށް ހިޔާލުތަފާތުވުންތަކެއް އުފެދުނު ނަމަވެސް، ފަހުން ގުޅުން ރަނގަޅުވެ، ޓްރަމްޕް ތާއީދުކުރައްވާ ކެންޑިޑޭޓުންނަށް މަސްކް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި އިންތިހާބުގައި މަސްކް އެންމެ ބޮޑަށް ތާއީދުކޮށް، ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހޭދަކުރީ ޓެކްސަސްގެ ސެނެޓް ގޮނޑިއަށް ވާދަކުރެއްވި ރިޕަބްލިކަން ކެންޑިޑޭޓް ކެން ޕެކްސްޓަން އަށެވެ. ނަމަވެސް، އެ ގޮނޑި ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ އުމުރުން 37 އަހަރުގެ ޖޭމްސް ޓަލަރީކޯ އެވެ. ސްޕޭސްއެކްސް އާއި ޓެސްލާ ފަދަ މަސްކްގެ ގިނަ ކުންފުނިތަކުގެ މައި އޮފީސްތައް ހުންނަނީ ވެސް ޓެކްސަސްގެ އޮސްޓިންގަ އެވެ.

"ވަގުތު ފަހަތަށް ޖައްސާލެވޭ ނަމަ، އަހަރެން ކުރާނީ މާ ކުޑަ ހޭދައެއް،" އިންތިހާބާ ގުޅޭ ގޮތުން މަސްކް ބުންޏެވެ.

އޭނާ ބުނީ ސްޕޭސްއެކްސް އާއި ޓެސްލާ ބިނާކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެން ޖެހުމުން، އިންތިހާބުގެ ކަންކަމަށް، ފަރުދީ ގޮތުން މާ ބޮޑު ސަމާލުކަމެއް ނުދެވުނު ކަމަށެވެ. -- އޭއެފްޕީ