އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔޫއޭއީން ވާދަކުރައްވާ ކެންޑިޑޭޓް ލާނާ ނުސައިބާ، އެ މަގާމަށް ހޮވިވަޑައިގެންފި ނަމަ މަސައްކަތް ކުރައްވާނީ ގައުމުގެ ނުފޫޒުން އެއްކިބާވެ، ފުރިހަމަ މިނިވަންކަމާ އެކު ކަމަށް ވިދާޅުވެއްޖެ އެވެ.

ސޫދާންގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ޔޫއޭއީން ވާގިވެރިވާ ކަމަށް ބުނެ، ނުސައިބާގެ ކެންޑިޑެސީއާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލަމުން ދަނިކޮށް އޭނާ އިއްޔެ އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާއަކީ މިނިވަންކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އުމުރުން 48 އަހަރުގެ ޑިޕްލޮމެޓަށް މި މަގާމު ލިބިއްޖެ ނަމަ ވާނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގަންނަވާ ފުރަތަމަ އަންހެން ބޭފުޅާއަށް އަދި ދެވަނަ އަރަތްބަށެވެ.

ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް 2023 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އަށް އެހީތެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް ޔޫއޭއީން އަބަދުވެސް ދޮގުކުރެ އެވެ. ނަމަވެސް ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގާ ކަމުގެ ތުހުމަތު ކުރެވޭ އާރްއެސްއެފްއަށް ޔޫއޭއީން ހަތިޔާރާއި މާލީ އެހީ ފޯރުކޮށްދޭ ކަމަށް އދ.ގެ ތަޖުރިބާކާރުންނާއި އެހެނިހެން ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

ގަލްފުގެ ގައުމުތަކުގެ ތާއީދު ނުސައިބާއަށް ލިބިވަޑައިގެންފައިވީ ނަމަވެސް، ސޫދާންގެ ހަމަނުޖެހުންތަކާ ގުޅިގެން އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އަދި އދ.ގެ އެންމެ އިސް މަގާމަށް އޭނާ ހޮވުނަނުދިނުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކަކުން ދަނީ ގައުމުތަކަށް ގޮވާލަމުންނެވެ.

"އަޅުގަނޑަކީ މިނިވަން މީހެއް. އަޅުގަނޑު މިހިރީ ސަރުކާރުގެ މަގާމާ ދުރުވެގެން... އަޅުގަނޑު މަސައްކަތް ކުރާނީ ފުރިހަމަ މިނިވަންކަމާ އެކު،" ނުސައިބާ ވިދާޅުވި އެވެ.

"ކޮންމެ ކެންޑިޑޭޓަކީ ވެސް ކޮންމެވެސް ގައުމަކަށް ނިސްބަތްވާ ބޭފުޅެއް. އަދި ހާރިޖީ ސިޔާސަތުގެ އެކި ކަންކަމުގައި ބަހުސްކުރެވޭ ފަދަ ނިންމުންތައް ނެތް އެއްވެސް ގައުމެއް ނޯންނާނެ."

ނުސައިބާ ވަނީ 2013 އިން 2024 އަށް އދ. އަށް ޔޫއޭއީން ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރައްވައިފަ އެވެ. އަދި މި ރޭހަށް ނުކުމެވަޑައިގަތުމާ ހަމައަށް އޭނާ ހުންނެވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ މިނިސްޓަ އޮފް ސްޓޭޓްގެ މަގާމުގަ އެވެ.

އޭނާގެ ވެރިކަމުގައި އދ. އިން ނެރޭ ކޮންމެ ރިޕޯޓަކަށް ވެސް "ވަރަށް ސީރިއަސްކޮށް" ބައްލަވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ނުސައިބާ ވިދާޅުވީ އެފަދަ ރިޕޯޓުތަކުގައި ނަން ހިމެނޭ ކޮންމެ ގައުމަކާ މެދު ވެސް ފިޔަވަޅު އަޅުއްވައި، އެ ގައުމުތަކުގެ ވާހަކަ ދައްކަވާނެ ކަމަށެވެ.

"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދޭނީ ސޫދާނަށް. ދެން އަންނަ ސެކްރެޓަރީ ޖެނެރަލްގެ ގާބިލުކަން ވަޒަންކުރާ މިންގަނޑަކީ އެއީ ކަމުގައި ހަދާނަން... ކާމިޔާބީ މިނާ މިންގަނޑެއްގެ ގޮތުގައި ވަކި ހަމަނުޖެހުމެއްގެ ވާހަކަ ރަސްމީކޮށް ދެއްކެވި ހަމައެކަނި ކެންޑިޑޭޓަކީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.

އދ.ގެ ވެރިޔާގެ މަގާމު ކާމިޔާބު ކުރުމަށްޓަކައި ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން މަދުވެގެން ނުވަ މެންބަރުންގެ ވޯޓު ހޯދަން ޖެހެ އެވެ. އަދި މަޖިލީހުގެ ދާއިމީ ފަސް މެންބަރުން ކަމަށްވާ އިނގިރޭސިވިލާތް، ޗައިނާ، ފްރާންސް، ރަޝިޔާ އަދި އެމެރިކާގެ ތެރެއިން އެއްވެސް ގައުމަކުން ވީޓޯ ނުކުރުން ލާޒިމެވެ.

މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ދެވަނަ ދައުރު އަންނަ ޑިސެމްބަރު މަހުގެ 31 އަށް ހަމަވާއިރު، އޭނާގެ ބަދަލުގައި އެ މަގާމަށް ވަޑައިގަންނަވާނެ އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓަކު އަދި ސާފެއް ނުވެ އެވެ. -- އޭއެފްޕީ