މަޝްހޫރު 178 ވެބްސައިޓަކަށް އަމާޒުކޮށް ދިން ބޮޑު ސައިބަ ހަމަލާއެއްގައި، އެ ވެބްސައިޓުތަކަށް ޒިޔާރަތްކުރާ މީހުންގެ ޒާތީ މައުލޫމާތުތަކާއި މާލީ ކަންކަމާ ގުޅޭ މައުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރެވޭ ޒާތުގެ ނުރައްކާތެރި ކޯޑުތަކެއް އިންޖެކްޓްކޮށްފި އެވެ.
މި ހަމަލާ ދީފައިވަނީ ވަކިވަކި ކުންފުނިތަކުގެ ސިސްޓަމްތައް ސީދާ ހެކްކުރުމުގެ ބަދަލުގައި، ވެބްސައިޓްތައް ޓެސްޓްކުރުމަށް ބޭނުންކުރާ ތާޑް-ޕާޓީ ހިދުމަތެއް ކަމަށްވާ "އޮޕްޓިމައިޒްލީ" މެދުވެރިކޮށެވެ. އިއްޔެ ދިން މި ހަމަލާގައި، އޮޕްޓިމައިޒްލީގެ ހިދުމަތް ބޭނުންކުރާ ބޮޑެތި ކުންފުނިތަކުގެ ވެބްސައިޓްތަކަށް ޖާވާސްކްރިޕްޓް ކޯޑުތަކެއް ވަނީ ފޮނުވައިފަ އެވެ.
ސައިބާ ސެކިއުރިޓީ ދިރާސާކުރާ "ރިޕޯޓް ޔޫއާރުއައި" އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގެ އަސަރު ކުރި 178 އިދާރާގެ ތެރޭގައި މީޑިއާ، ބޭންކިން، ވިޔަފާރި އަދި ޓެކްނޮލޮޖީ ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ. ގެއްލުން ލިބުނު މަޝްހޫރު މީޑިއާތަކުގެ ތެރޭގައި ބީބީސީ، ސީއެންއެން، ފޮކްސް ނިއުސް، އެންޕީއާރު އަދި ޕީކޮކް ހިމެނެ އެވެ. އަދި ޓެކްނޮލޮޖީ އަދި ސޮފްޓްވެއާ ކުންފުނިތަކުގެ ތެރޭގައި ޒޫމް، ސޭލްސްފޯސް އަދި ގިޓްލެބް ހިމެނެ އެވެ. އަދި މާލީ އަދި ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި އެޗްއެސްބީސީ، އިކުއިފެކްސް، އައިކިއާ، އަލަސްކާ އެއާލައިންސް އަދި އިންވިޒަލައިން ހިމެނެ އެވެ.
ސެކިއުރިޓީ މާހިރުން ބުނާ ގޮތުގައި، މި ހަމަލާގެ އަސަރު ކޮށްފައިވާ ވެބްސައިޓެއް ހުޅުވާލުމާ އެކު، ޒިޔާރަތްކުރާ މީހުންގެ ޑިވައިސްތަކަށް ނުރައްކާތެރި މެލްވެއާ ފޮނުވުމުގެ ފުރުސަތު އޮތެވެ. މި ކޯޑުތައް ފަރުމާކޮށްފައިވަނީ ކްރިޕްޓޯކަރަންސީ ވޮލެޓް އެޑްރެސްތައް ބަދަލުކޮށްގެން ފައިސާ ވަގަށް ނެގުމަށާއި، ކްރެޑިޓް ކާޑުގެ މައުލޫމާތާއި ބްރައުޒާ ކުކީސް ފަދަ ޒާތީ މައުލޫމާތު ވަގަށް ނެގުމަށެވެ. މީގެ އިތުރުން، އެޕަލްގެ އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންގެ ތެރެއިން އޮޕަރޭޓިން ސިސްޓަމް އަޕްޑޭޓް ނުކޮށް ހުރި ޑިވައިސްތައް ހެކްކުރުމަށް ވެސް މި ކޯޑުތަކުން މަސައްކަތް ކޮށްފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އޮޕްޓިމައިޒްލީން ވަނީ އެ ކުންފުނީގެ ސިސްޓަމަށް ހަމަލާ އަމާޒުވިކަން ކަށަވަރުކޮށްދީ، ގެއްލުންދެނިވި ކޯޑުތައް ނައްތާލުމުގެ މަސައްކަތް ވަގުތުން ފަށައިފަ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޭލްސްފޯސް އާއި އިކުއިފެކްސް ފަދަ ކުންފުނިތަކުން ވަނީ އެ ހިދުމަތް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
އިއްޔެ މި ވެބްސައިޓްތަކަށް ޒިޔާރަތްކުރި މީހުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެޕަލް ޑިވައިސްތައް އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓް ކުރުމަށާއި، ބޭންކް އެކައުންޓާއި ކްރެޑިޓް ކާޑު ސްޓޭޓްމަންޓްތައް ޗެކްކުރުމަށް ސެކިއުރިޓީ މާހިރުން އިލްތިމާސް ކުރެ އެވެ.