ސަރުކާރާ 2023 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 10 ޕަސެންޓުގައި ކަމަށާއި ފުރަތަމަ އެކުލަވާލި ބަޖެޓާ އެކު 3.6 ޕަސެންޓަށް ޑެފިސިޓް ކުޑަކުރެއްވުނު ކަމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރަން ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ސަރުކާރަށް ބަޖެޓް އެކުލަވާލަން ލިބުނީ މިދިޔަ އަހަރަށް ކަމަށާއި އޭގެ ކުރީ އަހަރުގެ ބަޖެޓް އެކުލަވައިލީ ކުރީގެ ސަރުކާރުން ކަމަށެވެ. އޭރު ވެރިކަންކުރި އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެގެން އެ ބަޖެޓް ފާސްކުރީ އާ ސަރުކާރަށް ކަންތައްްތައް ކުރަން ވީހާ ވެސް ދަތިވާނެ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ހެދި ފުރަތަމަ ބަޖެޓް، 2025 ގެ ބަޖެޓުން ފެށިގެން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ފިސްކަލް މެނޭޖްމެންޓް ތަންފީޒު ކޮށްގެން، އަޅުގަނޑުމެން ޑެފިސިޓް ކުޑަކުރީ 3.6 އިންސައްތައަށް ޖީޑީޕީގެ ނިސްބަތުން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފުލާގައި ބައިވެރިވި ސަރުކާރުގެ ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފުލާގައި ބައިވެރިވި ސަރުކާރުގެ ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމަކު މި އަހަރުގެ މާޗްމަހާ ހިސާބަށް އައިއިރު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިގެން އެކަމުގެ ސަބަބުން ތެލުގެ އަގުބޮޑުވުމާއި ޓޫރިޒަމަށް އައި ލޮޅުމާ އެކުގައި ކަންތައްތަކެއް ތަފާތުކުރަން ޖެހުނު ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި އަހަރު ނިންމާލާއިރުގައި ސިންގަލް ޑިޖިޓުން ހަމަ ގާތްގަނޑަކަށް 6.2 އިންސައްތައިން ނިންމާލެވޭނެ ކަމަށް ބެެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ފަސް ޕަސެންޓަށް ވުރެ ޑެފިސިޓް ކުޑަކުރުމެވެ. 

"އެއީ ކުރީގެ ސަރުކާރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ވެސް އެއާ އެކު މެނޭޖް ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން އެއް ޕަސެންޓް ސާޕްލަސްއަކަށް ދާނެ ކަމަށް ލަފާކުރެވެނީ 2029 ވަނަ އަހަރު ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހަފުލާގައި ރައީސް މުއިއްޒު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަކީ 59.7 ބިލިއަން ރުފިޔާ އެވެ. މިއީ ގައުމުގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސެންޓެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ނުލައި، ދައުލަތުގެ ބަޖެޓް މިދިޔަ 10 އަހަރު ވެސް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.  

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް މި އަހަރަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑެވެ. އަންނަ އަހަރުގެ ބަޖެޓްގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 7.5 ބިލިއަން ރުފިޔާގަ އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.