ވޯލްޑް ކަޕްގެ ވިޔާފާރީގެ ބައިތައް 96 އަހަރަށް، އެ ކަމަށް ހާއްސަކުރާ ކުންފުންޏަށް ވިއްކާލަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާން ކުރި ޕްލޭނުގައި އޮތްކަން ހާމަވެއްޖެ އެވެ.
ދި އެތުލެޓިކް ނޫހުން ބުނީ ފީފާ ފޯވާޑް އެންޓަޕްރައިޒަސްގެ ނަމުގައި ހަދަން އުލުނު ކުންފުނި، ސްޓޮކް މާކެޓުގައި ލިސްޓުކުރުމަށާއި ކުންފުނީގެ ވެރިނަށް ބޮޑެތި ބޯނަސްތަކެއް ދިނުމުގެ އިތުރުން ވޯލްޑް ކަޕްގެ ހައްގުތައް 96 އަހަރުގެ މުއްދަތަކަށް އެ ކުންފުންޏަށް ދޫކޮށްލުމަށް ރާވާފައި އޮތްކަން، އެ ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ހާމަވެފައިވާ ކަމަށެވެ.
ހިޔާލުތަފާތުވުން ބޮޑު މަޝްރޫއުގައި ފީފާގެ މައިގަނޑު ބައިވެރިއަކަށް ވުމަށް ހަމަޖެހިފައި އޮތީ ޕްރައިވެޓް-އިކުއިޓީ ފަންޑެއް ކަމަށްވާ "ތުރައިވް ކެޕިޓަލް" އެވެ. އެ ކުންފުންޏަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝުނާގެ ކޮއްކޮ ހޯޝުއާ ކުޝްނާގެ ކުންފުންޏެވެ.
ދި އެތުލެޓިކް އަށާއި ހުޅނގުގެ ބައެއް ނޫސްތަކަށް ލީކުވެފައި ވަނީ ކުޝްނާގެ ކުންފުންޏާއި ފީފާއާ ދެމެދު ކުރެވުނު މުއާމަލާތްތަކާ ގުޅޭ ލިޔެކިޔުންތަކެވެ. ދި އެތުލެޓިކުން ބުނީ އެ ލިޔުންތަކުގެ ސައްހަކަން، އެ ނޫހަށް ކަށަވަރުވެފައިވާ ކަމަށެވެ.
"މެނޭޖްމަންޓް އިންސެންޓިވް ޕްލޭން" އެއްގެ ދަށުން، ކުންފުނީގެ ފުރަތަމަ އަގު ކަމަށްވާ 20 ބިލިއަން ޑޮލަރަށް އިތުރުވާ ކޮންމެ ބިލިއަން ޑޮލަރަކަށް، ކުންފުނީގެ އިސްވެރިންނަށް އާ ހިއްސާތަކެއް ދިނުމަށް ވެސް ވަނީ ރާވާފަ އެވެ.
މި އުސޫލުގެ ދަށުން ފީފާ އެންޓަޕްރައިޒަސްގެ ހިއްސާގެ ފަސް ޕަސަންޓް ބޯނަސް ކުންފުނީގެ ބޯޑް މެންބަރުންނަށް ލިބޭނެ އެވެ.
އެ ކުންފުނީގެ މަސައްކަތް ފެށުމަށްޓަކައި ފީފާގެ އަމިއްލަ ފައިސާއިން 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށްވެސް ރާވާފައި އޮތެވެ.
ލިޔެކިޔުންތަކުގައިވާ ގޮތުން އެ ކުންފުނި ހިންގާނީ ހަތް މެންބަރުންގެ ބޯޑަކުންނެވެ. އޭގެ ތެރެއިން ހަތަރު ގޮނޑި ފީފާއަށް ދޭނެ އެވެ. ބޯޑުގެ ޗެއާމަންގެ ގޮތުގައި ފީފާގެ ރައީސް އަދި ވައިސް ޗެއާމަންގެ ގޮތުގައި ފީފާގެ ޖެނެރަލް ސެކްރެޓަރީ ހިމެނުމަށް ވެސް އޮތީ ރާވާފަ އެވެ.
ފީފާއަށް އާމްދަނީ ލިބޭ ހުރިހާ ވަސީލަތެއް އެންޓަޕްރައިޒަސް ކުންފުންނަށް 96 އަހަރަށް ބަދަލު ކުރުމަށް ވެސް ރާވާފައި އޮތެވެ.
އެ ކުންފުނިން ލިބޭ އާމްދަނީގެ ތެރެއިން ބައެއް ފީފާގެ އަހަރީ ހަރަދުތަަކަށް ބެހެއްޓުމަށްފަހު، ބާކީ ބައި ބޭނުންކުރާނީ މެންބަރު އެސޯސިއޭޝަންތަކަށް ކޮންމެ އަހަރަކު ފީފާއިން ދޭ މާލީ އެހީތެރިކަން ބޮޑު އަދަދުތަކުން އިތުރުކުރުމަށެވެ.
އެކަމަކު، ސަރަހައްދީ ބައްރުތަކުގެ ކޮންފެޑެރޭޝަންތަކުން އެކަމާ ދެކޮޅު ހެދުމުން، ފީފާއިން ވަނީ މަޝްރޫއު އެއްކޮށް ހުއްޓާލާފަ އެވެ. އަދި އިންފަންޓީނޯ ވަނީ އޭނާއަށް ގޯސް ހެދިފައިވާ ކަމަށް ބުނެ މައާފަށް ވެސް އެދިފަ އެވެ.