ވަގުތު ފާއިތުވުމުގެ ކުރިން، އެންމެން ގުޅިގެން މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އިންޑިއާގެ ފުޓްބޯޅަ ސަލާމަތްކުރުމަށް އޯލް-އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުގެ ކުރީގެ ރައީސް ޕްރަފުލް ޕަޓޭލް ގޮވާލައްވައިފި އެވެ.

އިންޑިއާގެ ބީ ޓީމުން ދާދި ފަހުން ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދި ނަމަވެސް، އެ ގައުމުން އަސްލު ދާން ބޭނުންވާ ހިސާބަށް ނުދެވި ފަހަކަށް އައިސް ނާކާމިޔާބީތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އަދި ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭއާ މެދު އެ ގައުމުގެ ފުޓްބޯޅައިގެ ބައެއް ލެޖެންޑުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މައްސަލަތަކަށް މި ފަހުން އިތުރުވީ މާލީ ބޮލުގެ ރިހުމެކެވެ. އެގޮތުން އެ ގައުމަށް ދާދި ފަހުން ބްރެޒިލާއި، އުރުގުއޭ ގެނެސް ކުޅުވި މެޗުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ހާސްކަމާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. އެ ފައިސާ ފެޑެރޭޝަނުގެ ފިކްސް ޑިޕޮސިޓުން ދައްކަން ޗޯބޭ ހުށަހެޅުއްވި ނަމަވެސް އެކަމަށް ތާއީދެއް ނުލިބުނެވެ.

ކުރީގެ ރައީސް ޕަޓޭލް ވިދާޅުވީ މި އުނދަގޫ ވަގުތު އެންމެން އިށީނދެ، ވިސްނުންތެރިކަމާއެކު ރަނގަޅު ހައްލެއް ހޯދަންޖެހޭ ކަމަށާއި މި މަރުހަލާގައި އެއްވެސް ކަމެއް ގޯސްވެއްޖެނަމަ، ދިގު މުއްދަތަކަށް އިންޑިއާގެ ފުޓްބޯޅައަށް އެކަމުން އަރައިނުގަނެވޭނެ ކަމަށެވެ.

ޕަޓޭލް ވިދާޅުވީ އިންޑިއާގެ ފުޓްބޯޅައިގެ އާންމު ހާލަތަށް ބަލާއިރު، ހުރިހާ ހިއްސާދާރުންވެސް ފުންކޮށް ވިސްނަންޖެހޭ ކަމަށާއި، އެހެން ނޫންނަމަ، މި ކުޅެވެނީ ޒުވާން ފުޓްބޯޅަ ކުޅުންތެރިންނާއި، ސަޕޯޓަރުންނާއި، އިންޑިއާގެ އެންމެ މަގުބޫލު ކުޅިވަރުގެ ހުރިހާ ހިއްސާދާރުންގެ މުސްތަގުބަލާ ކަމަށެވެ.

"އަވަސްއަރުވާލައިގެން ވަކި ގޮތަކަށް ނިންމުމުގެ ބޭނުމެއް ނެތް،"

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ސީނިއާ ނައިބު ރައީސްކަން ކުރައްވާފައިވާ ޕަޓޭލް މަގާމުން ދުރުކުރީ 2022 ގައި ސުޕްރީމް ކޯޓުންނެވެ. އަންނަ މަހު އޮންނަ އިންތިހާބުގައި ޕަޓޭލް ވާދަކުރައްވާނެ ކަމެއް އަދި ނޭގެ އެވެ.

ކުރީގެ ގޯލްކީޕަރު ޗޯބޭ އޭއައިއެފްއެފް ރައީސްކަމާ ހަވާލުވީ 2022 ގައި އޮތް އިންތިހާބުގައި އިންޑިއާ ފުޓްބޯޅަ ލެޖެންޑް ބައިޗުން ބުޓިއާ ބަލިކުރުމަށް ފަހު އެވެ. ބުޓިއާ މި ފަހުން ބުނީ އިންޑިއާ ފުޓްބޯޅަ އަޑިއަޅާލުމުގެ ޒިންމާ ނަގަން ޖެހޭނީ ޗޯބޭ ކަމަށެވެ.

"އެބަ ބޭނުންވޭ ތެދުވެރިކަމާއި، އިހުލާސްތެރިކަމާ އެކު އިންޑިއާ ފުޓްބޯޅަ އަލުން މައްޗަށް އުފުލައިދޭން މަސައްކަތްކުރާނެ މީހެއް،" ބުޓިއާ ބުންޏެވެ. "އަހަންނަކަށް ނޭގޭ ބުނާކަށް ޗޯބޭ ވަކިކުރުމުން ފުޓްބޯޅައިގެ ފެންވަރު މައްޗަށް ދާނެ ކަމެއް، އެކަމަކު ޔަގީންވާ ކަމަކީ މިއަށް ވުރެ ދަށަކަށް ނުދާނެކަން."