އަންނަ އަހަރުގެ މާޗު މަހު ބާއްވާ ފީފާގެ އިންތިހާބުގައި އެ ޖަމިއްޔާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ތާއީދުކުރަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންމެބޯލް) އިން ނިންމައިފި އެވެ.
މި ނިންމުމާ އެކު ބެލެވޭ ގޮތުގައި އިންފަންޓީނޯ ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބުކުރައްވާނެ އެވެ. ކޮންމެބޯލް އިން ވަނީ ފުޓްބޯޅަ ތަރައްގީކުރުމަށް އިންފަންޓީނޯ ކުރައްވާފައިވާ ހިދުމަތްތަކާއި އޭނާގެ ލީޑާޝިޕަށް ތައުރީފުކޮށްފަ އެވެ.
ފަހަކަށް އައިސް އިންފަންޓީނޯ އަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ ނުހޮވިދާނެ ކަމަށް ވެސް ހީވި އެވެ. އެކަމަކު އެފްރިކާ އާއި އޭޝިއާގެ ގިނަ ގައުމުތަކުން ވެސް ވަނީ އޭނާ އަށް ތާއީދުކުރަން ނިންމައިފަ އެވެ.
މޮރޮކޯގެ ވެރިރަށް ރަބާތުގައި އޮންނަ ފީފާ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ފީފާގެ މެންބަރު 211 އެސޯސިއޭޝަނުގެ ތެރެއިން މަދުވެގެން 106 ވޯޓު ކެންޑިޑޭޓަކަށް ބޭނުންވާނެ އެވެ.
ފީފާގެ ރައީސްގެ މަގާމާ 2016 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި އިންފަންޓީނޯ 2019 އަދި 2023 ގެ އިންތިހާބު ކާމިޔާބުކުރެއްވީ ވާދަވެރިއެއް ނެތި އެވެ. އެކަމަކު މި ފަހަރު އޭނާއާ ދެކޮޅަށް ކެންޑިޑޭޓުން ނުކުންނާނެ އެވެ.
ގިނަ ބަޔަކު އިންފަންޓީނޯ ދެކެ ހިތްހަމަނުޖެހުނީ ވޯލްޑް ކަޕުގެ ހިއްސާ ވިޔަފާރި ކުންފުނިތަކަށް ވިއްކާލަން އުޅުނު މައްސަލައިގަ އެވެ. މީގެ އިތުރުން މި އަހަރުގެ ވޯލްޑް ކަޕުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުމާއި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ފީފާ ޕީސް އެވޯޑް ދިނުމަކީ ވެސް ހިތްހަމަނުޖެހުން ބޮޑުވި ސަބަބުތަކެވެ.
ވޯލްޑް ކަޕުގެ ހިއްސާ ވިއްކާލަން އިންފަންޓީނޯ ނިންމެވީ ލިބޭ ފައިސާ އިން ގައުމުތަކަށް އެހީވުމަށް ކަމަށް ވިދާޅުވެ އެވެ. އެ ޕްލޭން ކެންސަލްވި ނަމަވެސް އޭނާ ވަނީ 6.35 ބިލިއަން ޑޮލަރުގެ ތަރައްގީގެ ފަންޑެއް ގާއިމުކުރުމަށް ނިންމަވައިފަ އެވެ. މި ފަންޑުގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފީފާގެ މެންބަރު 211 އެސޯސިއޭޝަނުން ކުރެ ކޮންމެ އެސޯސިއޭޝަނަކަށް 25 މިލިއަން ޑޮލަރު ލިބިގެންދާނެ އެވެ. މިއީ އޭނާ އަށް ތާއީދު ބޮޑުވި ސަބަބެކެވެ.