ބެޔާން މިއުނިކުގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ކޮންޓްރެކްޓާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދައްކާފައިވާ ވާހަކަތަކާ މެދު ކަންބޮޑުވާ ކަމަށާއި، ބެޔާން ފަދަ ކްލަބަކުން އެއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން، ފިފްޕްރޯ އިން ބުނެފި އެވެ.

މުސިއާލާ، 23، އަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން އޭނާ ވަނީ ޕްރީ ސީޒަން ޕްރެކްޓިހުގެ ތެރެއިން ދެ ފަހަރަށް ހޭނެތިގެން ވެއްޓިފަ އެވެ. އެއީ ނާރުގެ މައްސަލައެއްގެ ސަބަބުން ޖެހޭ، ފިޓުޖެހުމުގެ ހާލަތެކެވެ. އެކަމަކު އެއީ ފަސޭހައިން ރަނގަޅުކުރެވޭނެ ހާލަތެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އޭނާގެ ކަށިމަތީގައި ރެނދެއްލައި، ކުޑަހުޅު ނެއްޓިގެން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުނެވެ.

އެ ހުރިހާ ކަމަކަށް އިޝާރާތްކޮށް ބެޔާނުގެ އޮނަރަރީ ރައީސް އުލީ ހޮއެނެސް ވަނީ މުސިއާލާ އަށް އޭނާގެ ކުރީގެ އެންމެ މޮޅު ކުޅުން ދެން ދުވަހަކުވެސް ނުދެއްކިދާނެ ކަމަށް ބުނެފަ އެވެ. އެހެންވެ މިދިޔަ އަހަރު މުސިއާލާ ސޮއިކުރި ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓުން ބެޔާނަށް ގެއްލުން ވާނެ ފަދަ މޭރުމަކުން އެ ކްލަބުގެ ޗީފް އެގްޒެކެޓިވް ޔާން-ކްރިސްޓިއަން ޑްރީސެން ވާހަކަދައްކައިފަ އެވެ. އޭނާ ބުނެފައިވަނީ މުސިއާލާއަށް އޭނާގެ އެންމެ މޮޅު ފޯމަށް ނާދެވިއްޖެ ނަމަ އެ ކޮންޓްރެކްޓާ މެދު އަލުން ވިސްނަން ޖެހޭނެ ކަމަށެވެ.

ފިފްޕްރޯ އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ކޮންޓްރެކްޓް މަޝްވަރާތައް ފެށުމުގެ ކުރިން މުސިއާލާ އާއި އޭނާގެ އޭޖެންޓުންނަށް ޕްރެޝަރުކުރަން ބެޔާނުން ރާވައިގެން ކުރާ ކަމެއް ކަމަށެވެ. އަދި ކުޅުންތެރިއަކު އަނިޔާއަކުން ފިޓްވަމުން އަންނަ ދަނޑިވަޅެއްގައި އެކަމާ މީޑިއާގައި ވާހަކަ ދެއްކުމަކީ އޭނާ އަށް ނަފުސާނީ ގޮތުން އަސަރުކުރާނެ ކަމެއް ކަމަށެވެ.

"ކޮންޓްރެކްޓާ މެދު އެއްވެސް ކަންބޮޑުވުމެއް އޮތް ނަމަ، އެކަން ހިއްސާކުރަން ޖެހޭނީ އޭނާއާ އަދި އޭނާގެ އޭޖެންޓުންނާ،"

ފިފްޕްރޯ އިން ބުނީ ކުޅުންތެރިޔާގެ ފޯމު ދަށްވުމަކީ ކޮންޓްރެކްޓުގެ ޝަރުތު އަލުން ކަނޑައަޅަން ލިބޭ ހުއްޖަތެއް ނޫން ކަމަށާއި، ހަމަ އެފަދައިން ކުޅުންތެރިޔަކު ކުރިއަށް ވުރެ މޮޅަށް ކުޅުމަކީ މުސާރަ ބޮޑުކުރަން ޕްރެޝަރުކުރަން ލިބޭ ހައްގެއް ވެސް ނޫން ކަމަށެވެ.

"ކޮންޓްރެކްޓްތަކަކީ އިހުތިރާމް ކުރަން ޖެހޭ އެއްޗެއް،"

ބެޔާނުން މުސިއާލާއާ މެދު އަމަލުކުރަމުން އަންނަ ގޮތާ މެދު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ބެޔާނަކީ ޖަރުމަނުގެ އެންމެ ޝަރަފްވެރި ކްލަބުގެ އިތުރުން އެންމެ ރަނގަޅަށް ހިންގާ އެއް ކްލަބް ވެސް މެ އެވެ.