ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާނަށް މަރުގެ އިންޒާރު ލިބުމާ ގުޅިގެން އިންޑިއާގެ މުމްބާއީ ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފި އެވެ.
މުމްބާއީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިފްގެ ފޯނަށް ލިބިފައި ވަނީ، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބަޑިން ހަމަލާދީ މަރާލި ސިޔާސީ ލީޑަރު ބާބާ ސިއްދީގީގެ މަރުގެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ޒީޝާން އަޚްތަރުގެ ނަމުގައި ފޮނުވާފައިވާ ވޮއިސް މެސެޖެކެވެ.
އެ މެސެޖުގައި ބާބާ ސިއްދީގީއަށް ޖެހުނު ހާލު ސައިފްއަށް ވެސް ޖައްސާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަނީ އެ އިންޒާރަކީ ހަގީގަތުގައި ވެސް ޒީޝާން އަޚްތަރު ފޮނުވި އެއްޗެއްތޯ ނުވަތަ އެހެން މީހަކު އޭނާގެ ނަން ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ތަރިންނަށް ބިރުދައްކަން ކުރާ ކަމެއްތޯ އެވެ.
ދާދިފަހުން އާޔުޝްމާން ކުރާނާ އާއި ތުޝާރު ކަޕޫރު ކަހަލަ އެކްޓަރުންނަށް އިންޒާރު ދިން މައްސަލައިގައި ވެސް ފުލުހުން ވަނީ އޭއައި ބޭނުންކޮށްގެން އިންޒާރު ދިން ބެންގަލޫރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.
ސައިފްއަށް މިފަދަ އިންޒާރެއް ލިބިފައިވާއިރު، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ވަނީ ބެންޑްރާގައި ހުންނަ އޭނާގެ ގޭގެ ތެރެއަށް ވަން މީހަކު ވަޅިން ހަމަލާދީ ސައިފް ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އެ ހާދިސާގައި ސައިފް ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮޕަރޭޝަނެއް ވެސް ކުރަން ޖެހުނެވެ.
ފަހަކަށް އައިސް އަމީތާބް ބައްޗަން، ސަލްމާން ޚާން އަދި ޓައިގާ ޝްރޯފް ކަހަލަ ބޮލީވުޑްގެ ގިނަ ތަރިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކާއި މަރުގެ އިންޒާރުތައް ލިބެމުންދާތީ، މުޅި ފިލްމީ ދާއިރާގައި ވަނީ ނުތަނަވަސްކަމާއި ބިރުވެރިކަން އުފެދިފަ އެވެ.