ތެލާއި ގޭހަށް ބަރޯސާވުން ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން މަސައްކަތްކުރާއިރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ބަދަލުތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށާއި ރާއްޖެއިން އަނދިރީގައި ތިބެން ބޭނުން ނުވާ ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޑީޑަބްލިއު ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރާއްޖޭގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް މިހާރު ވެސް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް މިދިޔަ މަހު ކުރި ބޯ ވިއްސާރައިގައި ބައެއް އާއިލާތައް ގެދޮރު ދޫކޮށް ދާންޖެހުނުކަން ފާހަގަކުރައްވައި، މިފަދަ ކާރިސާތަކުގެ ސަބަބުން ރައްޔިތުންގެ އާމްދަނީއަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް އަސަރުކޮށް، ބާނާ މަހުގެ މިންވަރު މަދުވަމުންދާ ކަމަށާއި ފަރުތައް ހުދުވުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ މޫސުމީ ބައްދަލުވުންތަކުގައި (ކޮޕް) ރާއްޖެއިން ބައިވެރިވާތާ 31 އަހަރު ވެފައިވާއިރު، މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޕެރިސް އެގްރީމަންޓަކީ މުޅި ދުނިޔޭގެ އެއްބައިވަންތަކަން ދައްކުވައިދިން އުއްމީދީ ފެށުމެއް ކަމަށެވެ.

ނަމަވެސް، ކަންކަން ހާސިލުވަމުންދާ ސްޕީޑާއި މިންވަރަކީ ރާއްޖެ ފަދަ ގައުމުތަކުން ބޭނުންވާ މިންވަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަ ހިއްސާއެއް އޮތް ނަމަވެސް، އޭގެ އެންމެ ބޮޑު ވޭނެއް ތަހައްމަލު ކުރަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި، ރާއްޖެއަކީ ބިމުގެ ގޮތުން ވަރަށް ކުޑަ ގައުމަކަށް ވާތީ، ގޭގޭގެ ފުރާޅުތަކުގައި ސޯލާ ޕެނަލް ހަރުކޮށްގެން އެކަނި ބޭނުންވާ ވަރަށް ކަރަންޓު އުފެއްދެން ނެތެވެ.

އެހެންކަމުން ރާއްޖެއަށް އޮތް ހައްލަކީ ކަނޑުގައި އަޅާ "ފްލޯޓިން ސޯލާ" ނިޒާމުތައް ކަމަށް ވިދާޅުވި އެވެ.

"ޖަރުމަނު ފަދަ ގައުމުތަކުގައި ރާޅު ނުނަގާ ބަންދުވެފައި އޮންނަ ފަޅުތަކާއި ކޯރުތައް ހުއްޓަސް، ރާއްޖޭގައި ސޯލާ ޕެނަލްތައް އަޅަން ޖެހެނީ ބޮޑެތި ރާޅުތަކާއި ކަނޑުގެ ގަދަ އޮއިވަރަށް ކެތްކުރެވޭ ގޮތަށް މާކަނޑުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، ތެޔޮ ބޭނުންކުރުން ހުއްޓާލުމުގެ ވާހަކަ ދައްކާއިރު، ރައްޔިތުންނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭނެ އެހެން ނިޒާމުތަކާއި ވަސީލަތްތައް ގާއިމުކޮށްދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަނދިރީގައި ތިބޭކަށް ބޭނުމެއް ނޫން. އެ ޒަމާން މިހާރު ހިނގައްޖެ. މުޅި އާބާދީ ދިރިއުޅުމަށާއި ކުރިއެރުމަށް ކަރަންޓު ބޭނުންވޭ. ހަމައެކަނި ތެޔޮ ބޭނުންކުރުން ހުއްޓާލައިގެން ރައްޔިތުން އަނދިރީގައި ބައިތިއްބައިގެން ކާބަން ނިއުޓްރަލް ވުމަކީ ކަންކަން ހިނގާނެ ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން ތެޔޮ ބޭނުންކުރުން ހުއްޓާލުމާ ދެކޮޅު ނޫން ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ އޭގެ ބަދަލުގައި ބޭނުންކުރާނެ ވަސީލަތްތައް ފޯރުކޮށްދީގެން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮޕްގެ ނިންމުންތައް ނިންމުމުގައި، ހުރިހާ ގައުމުތަކުގެ އިއްތިފާގުން ކަންކަން ނިންމުމުގެ އުސޫލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ތަފާތު ވިސްނުންތަކުގެ ގައުމުތައް އެއްގަލަކަށް އެރުވުމަކީ އުނދަގޫ ކަމަކަށް ވިޔަސް މިއީ އެންމެން ގުޅިގެން މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތަކަށް ވާތީ އެއްބަސްވުމަކަށް އައުން މުހިންމު ކަމަށެވެ.

އަދި އާ ނިޒާމެއް ހޯދަން އުޅުމުގެ ބަދަލުގައި މިހާރު އޮތް ނިޒާމު އިތުރަށް ހަރުދަނާކޮށް، އިސްލާހުކުރުން މާ މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ވީހާވެސް ފަސޭހަކޮށްދިނުމަށް ރާއްޖޭން ގޮވާލައި، ގޮވާލުން މިނިސްޓަރު ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

އަދި ހަމައެކަނި ބޮޑެތި ގައުމުތަކުން ދޭ އެހީން ނުފުދޭނެ ކަމަށާއި ބޮޑެތި އަމިއްލަ ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރު މި މަސައްކަތުގެ ތެރެއަށް ގެނެސް، އެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް އަލީ ޝަރީފް ގޮވާލެއްވި އެވެ.