ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ދުވަހު ނިންމާ ގޮތަށް އޮތް ނަމަވެސް މުހިއްމު ބިލުތަކެއްގެ މަސައްކަތް ނުނިމި ހުރުމުން ޗުއްޓީ ފަސްކޮށް، ދައުރު ދަންމާލައިފި އެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތެރެއިން 43 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ދައުރު އިތުރުކުރަން ނުފެންނަ ކަަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.

މަޖިލީހުގެ ޗުއްޓީ ފަސް ކުރިއިރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މުހިއްމު ބައެއް ބިލްތަކުގެ މަސައްކަތް ނުނިމި އެބަހުއްޓެވެ. އެގޮތުން ރިއަލްއެސްޓޭޓް ގާނޫނުގެ ބިލާއި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލާއި އަބުރު ރައްކާތެރި ކުރުމުގެ ބިލް އޭގެ ތެރޭގައި ހިމެނެ އެވެ.

އޭގެ ތެރެއިން ރިއަލް އެސްޓޭޓް ގާނޫނުގެ ބިލަކީ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއު ކުރިއަށް ގެންދަން މުހިއްމު ބިލެކެވެ. 

އެ ބިލަށް ކަމާ ބެހޭ މުއައްސަސާތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި އާއްމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމައިފަ އެވެ.