"ޓަކާ ޓަކާ" ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުން ހުތުރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެމްޑީޕީން ބައިވެރިވާތީ އެކަމަށް ފާޑުވިދާޅުވެ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދަން އުފެއްދި ޕާޓީއެއް ކަމަށެވެ. އެއީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ، މިނިވަން ވިސްނުމުގެ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.
"ޓަކާ ޓަކާ ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމަށާއި ހާސްކަމެއް ނެތް، ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރާއިރު ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބިމާއި ގެދޮރު މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް އެބަހުރި ކަމަށެވެ. އެ ގޮތަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއަކީ ރާއްޖޭގައި ޣައިރުދީންތަކުގެ މީހުން ރާއްޖޭގައި ވަަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަަށް ސިފަކޮށް އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީ ބައިވެރި ވެ އެވެ. އެކަމަކު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.