ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން މިހާތަނަށް، އެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ޕާޓީއަށް، ސަރުކާރު ހިންގާ ޕީއެންސީ ވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 2005 ގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން، ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި އެއްވެސް ޕާޓީއަކަށް އެއް ލައްކަ މެމްބަރުން ހަމައެއް ނުވެ އެވެ.
އެކަމަކު، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވެބްސައިޓު ދައްކާ ގޮތުން، މިރޭ 10:37 އާ ހަމައަށް ޕީއެންސީގައި 100،083 މެމްބަރުން އެބަތިއްބެވެ.
މިއާއެކު، ޕީއެންސީ ވެފައިވަނީ އެއް ލައްކަ މެމްބަރުން ހަމަވި ފުރަތަމަ ޕާޓީ އަދި މެމްބަރުން އެންމެ ގިނަ ޕާޓީއަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ޕީއެންސީގައި ތިބީ، 3،000 މެމްބަރުންނެވެ. އެ ޕާޓީގައި މެމްބަރުން އިތުރުކުރަން އެމަނިކުފާނުގެ އިސް ނެންގެވުމުގެ މަތިން ފެއްޓެވި މަސައްކަތުގައި އަމާޒަކަށް ވީ ޕީއެންސީގައި އެއް ލައްކަ މެމްބަރުން ހަމަކުރުމެވެ. ވެރިކަމަށް އަހަރެއް ފުރުނުއިރު 75،000 އަށް ވުރެ ގިނަ މެމްބަރުން ވަނީ ހަަމަކޮށްފަ އެވެ.
ޕީއެންސީއަށް އެއްލައްކަ މެމްބަރުން ހަމަކުރުމާ ގުޅޭ ގޮތުން، އެ ޕާޓީގެ ލީޑަޝިޕުން ވިދާޅުވެފައި ވަނީ، އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އެ ޕާޓީ ދެމިއޮތީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަންނާތީ އެވެ.
ޕީއެންސީއަށް ފަހު ދެ ވަނައަށް މެމްބަރުން އެންމެ ގިނައީ އިދިކޮޅު އެމްޑީޕީގަ އެވެ.
އެ ޕާޓީގައި މިރެއާ ހަމައަށް 53،747 މެމްބަރުން އެބަތިއްބެވެ.
އީސީގައި ހަތް ޕާޓީއެއް މި ވަގުތު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އެއީ ޕީއެންސީ އާއި އެމްޑީޕީގެ އިތުރުން އަދާލަތު ޕާޓީ، އެމްޑީއޭ، ޖުމްހޫރީ ޕާޓީ، އެމްއެންޕީ އަދި ޕީއެންއެފް އެވެ.