ވަޒީރުންގެ ފެންވަރުގައި މުލީއާގެގޭ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން މިރޭ ވަކިކުރައްވައިފި އެވެ.
އިގްބާލް އެ މަގާމުން ވަކިކުރައްވާފައިވާކަން "މިހާރު" އަށް ވަނީ ޔަގީން ވެފަ އެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.
އިގްބާލްގެ އިތުރުން ހިލާލީގޭ ޗީފް އޮފް ސްޓާފް މުހައްމަދު ވަހީދު ވެސް މަގާމުކަން ވަކިކުރައްވާފައިވާކަން ވަނީ އެނގިފަ އެވެ. އެއް އާއިލާއެއްގެ މި ބޭފުޅުން މަގާމުން ވަކިކުރެއްވި ސަބަބެއް ނޭނގެ އެވެ.
މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އިގްބާލް އައްޔަންކުރެއްވީ ނޮވެމްބަރު 19، 2023 ގަ އެވެ. އޭނާ ވަނީ އެމްޓީސީސީ އަދި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރައްވައިފަަ އެވެ.
އޭގެ އިތުރުން އިގްބާލް ވަނީ ހއ. އަތޮޅުވެރިކަމާއި ހއ. ވަށަފަރުގެ ކަތީބުކަމުގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ބޯޑު މެމްބަރުކަން ކުރައްވައިފަ އެވެ. އަދި ހުޅުމާލެ ހިއްކުމުގެ މަޝްރޫއުގެ ދުވަސްވަރު އެޗްޑީސީގެ އިސް މަގާމެއް ވެސް އަދާކުރެއްވި އެވެ.