ގއ. ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ސައިކަލުގައި ދުއްވައި، ކަތިވަޅިއެއް ހިފައިގެން އުޅުނު ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއް، ހާދިސާ ހިނގި ގޭގެ ނަން ދައުލަތަށް އޮޅުމުގެ ސަބަބުން ސާބިތުނުވާ ކަމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މި ތިން މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ މުއުމިން ހަސަން އާއި އަލީ އިބްރާހީމް ކިޔާ މީހެއްގެ މައްޗަށެވެ. މުއުމިން ހަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ. އަލީ އިބްރާހީމްގެ މައްޗަށް އުފުލީ ބިރުވެރިކަން އުފެދޭ ގޮތަށް އުޅުމުގެ ދައުވާ އެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާގައިވާ ގޮތުން، މެއި 29، 2025 ވަނަ ދުވަހުގެ ރޭ 8:00 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ނިލަންދޫ "މޯނިން ހައުސް" ކިޔާ ގޭގެ ކައިރީގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް މި ދެ މީހުން ވަނީ ސައިކަލުގައި ދުއްވައި، އަޑުގަދަކޮށް، އެ ގޭގެ ކައިރީގައި ތިބި މީހުންނަށް ބިރުދައްކައި އިންޒާރުދީފަ އެވެ. އޭރު ސައިކަލު ދުއްވަން އިނީ އަލީ އިބްރާހީމް ކަމަށާއި ފަހަތުގައި އިން މުއުމިން ހަސަންގެ އަތުގައި ކަތިވަޅިއެއް އޮތް ކަމަށް ދައުވާގައި ވެ އެވެ.
ނަމަވެސް، ޝަރީއަތުގެ މަރުހަލާ ފެށިގެން އިބްތިދާއީ ބަޔާން ހުށަހެޅުމަށް ލިބުނު ފުރުސަތުގައި، ދައުވާލިބޭ ދެ މީހުން ވެސް ފާހަގަކުރީ، ދައުލަތުގެ ދައުވާގައި ބުނާ "މޯނިން ހައުސް" ކިޔާ ގެއެއް ނިލަންދޫގައި ނުހުންނަ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅި ހަތަރު ހެކިން ހެކިބަސް ދެމުން ބުނެފައިވަނީ އެ ހާދިސާ ހިނގީ ގއ. ނިލަންދޫ "މޯނިން ސަން" ކިޔާ ގޭގެ ކައިރީގައި ކަމަށެވެ. ހެކިބަސް ނަގަން ފެށި ފަހުން، ދައުވާ ފޯމުގައި "މޯނިން ހައުސް" ކަމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ރަނގަޅު ގޮތަކީ "މޯނިން ސަން" ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފައިވެ އެވެ.
އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުސަތު ދެވިދާނެ ކަމަށް ދައުލަތުން ވަކާލާތުކުރި އެވެ.
މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ހައްމާދު ވާފިރު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިބްތިދާއީ އަޑުއެހުންތައް ނިމި މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުމަށް ފަހު، ދައުވާ އެ މައްޗަށް ބިނާވެފައިވާ މައިގަނޑު ކަންކަން ބަދަލުކޮށް، ދައުވާ ފޯމު އިސްލާހުކުރުމުގެ ފުރުސަތު ގާނޫނުގެ ދަށުން ދެވޭކަށް ނެތެވެ.
މީގެ އިތުރުން، ދައުލަތުން ކޯޓަށް ހުށަހެޅި ދައުވާ ފޯމުގެ ޖަދުވަލުތަކުގެ އިތުރުން، މައްސަލަ ތަހުގީގުކުރި ފުލުސް އޮފިސަރުގެ ބަޔާނުގައި ވެސް ހާދިސާ ހިނގި ތަނުގެ ގޮތުގައި ލިޔެފައިވަނީ "މޯނިން ހައުސް" ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
ހާދިސާ ހިނގި ސަރަހައްދު ކަމަށް ދައުވާ ފޯމުގައި ލިޔެފައިވާ 'މޯނިން ހައުސް' އަކީ ހާދިސާ ހިނގި ސަރަހައްދު ކަމަށް ބަލައިގެން ކުރިއަށްދާ ނަމަ ދައުވާ ފޯމު އަދި ތަހުގީގުކުރި ފަރާތުގެ ބަޔާން ހެކިންގެ ހެކިބަހާ ފުށުއަރާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން، ދައުވާގައި ބުނާ ތަނާއި ހެކިން ބުނާ ތަނާ ދިމާނުވެ ފުށުއެރުން އުފެދިފައިވާތީ، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ތިން ދައުވާ ވެސް ސާބިތުނުވާ ކަމަށް ކޯޓުން ހުކުމްކުރީ އެވެ.