ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ އިންސާނީ ހިދުމަތުގެ އަގުވަޒަންކޮށް މެލޭޝިޔާގެ ސެންޓަ ފޯ އެންޓަޕްރިނިއަޝިޕް (އޭސީއީ) އިން އޭނާ އަށް "އޭޝިއާސް ބެސްޓް އެންޓަޕްރިނިއާ ފިލެންތުރޮޕިސްޓް 2026" ރޭ އަރުވައިފި އެވެ.

ވިޔަފާރިވެރިންގެ ފަރާތުން އިންސާނިއްޔަތަށް ފޯރުކޮށްދޭ އެހީތެރިކަމަށް އަމާޒުކޮށް ތަފާތު ހަރަކާތްތައް ހިންގާ އޭސީއީ އިން ގާސިމަށް މި އެވޯޑް ދިނީ މެލޭޝިޔާގެ ޕޫޓްރަޖާޔާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ގާސިމްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ދަރިކަލުން އުމަރު އަރުކާން ގާސިމް އެވެ.

ގާސިމަށް ލިބިވަޑައިގެންނެވި އެވޯޑާއެކު ދަރިކަލުން އަރުކާން (މ) އާއި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ސަފީރު ޑރ. ޝަބީނާއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން-
ގާސިމަށް ލިބިވަޑައިގެންނެވި އެވޯޑާއެކު ދަރިކަލުން އަރުކާން (މ) އާއި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ ސަފީރު ޑރ. ޝަބީނާއާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން-

އޭސީއީ އިން ބުނި ގޮތުގައި ގާސިމަށް މި އެވޯޑް ދިނީ އަމިއްލަ ވިޔަފާރި ކުންފުންޏާއި ވިލާ ފައުންޑޭޝަން މެދުވެރިކޮށް އިންސާނިއްޔަތަށް ކޮށްދެއްވާފައިވާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ގާސިމްގެ އިތުރުން، އޭޝިއާ ސަރަހައްދުގެ އިތުރު ހަތަރު ވިޔަފާރިވެރިއަކަށް ވެސް "އޭޝިއާސް ބެސްޓް އެންޓަޕްރިނިއަރ ފިލަންތްރޮޕިސްޓް އައިކަން" އެވޯޑް އަރުވާފައިވެ އެވެ.

އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދަށް ވަނީ މެލޭޝިއާގެ "ފާދަ އޮފް އެންޓަޕްރިނިއަޝިޕް ޑިވެލޮޕްމަންޓް" ގެ ލަގަބު ވެސް އަރުވައިފަ އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ ރައީސް ގާސިމް ވަނީ ގިނަ އަދަދެއްގެ ދިވެހީންނަށް ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދެއްވައިފަ އެވެ. އާސަންދަ ތައާރަފުވުމުގެ ކުރިން، ގާސިމްގެ ހަރަދުގައި ގިނަ ބަޔަކަށް އިންޑިއާގައި ތިބެގެން ބޭސް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވެވި އެވެ. އޭގެ ކުރިން އޭނާ ސެންޓްރަލް ހޮސްޕިޓަލުގައި އާދައިގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު ވެސް އެތަނަށް ދާ ނިކަމެތި މީހުންނަށް އަމިއްލަ މުސާރައިން ބޭސް ނަންގަވައިދެއްވަ އެވެ.

މީގެ އިތުރުން ވަރަށް ގިނަ ބަޔަކަށް ކިޔެވުމުގެ ފުރުސަތު ލޯނުގެ ގޮތުގައި، އަދި ހިލޭ ފޯރުކޮށްދެއްވާފައިވެ އެވެ.