ދިވެހި ފިލްމު "ކީއްވެ" ޕްރިމިއާ ކުރާ ހަފުލާ ލައިވްކުރަން ޕީއެސްއެމާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އެ ރަސްމިއްޔާތު ލައިވް ނުކުރުމުން ދައުލަތުގެ މީޑިއާއާ ދެކޮޅަށް ދައުވާކުރަން ނިންމައިފި އެވެ.
އެ ފިލްމު އުފެއްދި ކިޑް ޕްރޮޑަކްޝަން، ސެޓަން ސްޓޫޑިއޯ، ސްލޭމް ސްޓޫޑިއޯ އަދި ނޫރު އެންޑް މޫވީސް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ކީއްވެ" ފިލްމުގެ ޕްރިމިއާ ނައިޓު ޕީއެސްއެމްގެ ޕްލެޓްފޯމްތަކުގައި ލައިވްކުރަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް، އޮލިމްޕަހުގައި ބޭއްވި ހަފުލާގެ ލައިވް ކަވަރޭޖަށް ސެޓަޕް ތައްޔާރުކޮށް ނިންމައި އަދި އެ ހަފުލާ ފެށެން ދެ ގަޑިއިރަށް ވެފައި ވަނިކޮށް، އެއްބަސްވުމާ ހިލާފަށް ލައިވް ކަވަރޭޖު ނުގެނެސްދެވޭނެ ކަމަށް ޕީއެސްއެމުން އަންގާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނި ގޮތުގައި، އެކަން އެންގި ވަގުތުން ފެށިގެން ގަޑިއިރެއް ވަންދެން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެ އެއްބަސްވުމާ އެއްގޮތަށް އިވެންޓު ކުރިއަށް ގެންދަން ހައްލެއް ހޯދަން މަސައްކަތްކުރި އެވެ.
"ނަމަވެސް، އެއީ ކަނޑައެޅިގެން އެއްބަސްވުމާ ހިލާފު ނިންމުމެއްކަން އެނގިހުރެ، ލައިވްކުރުން ކުރިއަށް ނުގެންދިއުމަށް އެމްޑީ އަހުމަދު ޝަކީބު ވަނީ ނިންމަވައިފަ އެވެ. މި ނިންމުމުގެ ސަބަބެއްގެ ގޮތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ފާހަގަކުރައްވާފައިވަނީ ޕްރިމިއާ އިވެންޓަށް ދައުވަތު އެރުވިގެން ބައެއް ސިޔާސީ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވުމެވެ،" ބަޔާނުގައިވެ އެވެ.
އެއީ، ގިނަ ފިލްމުތަކެއް ކުޅުއްވުމަށް ފަހު، ފަހުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި މޫސާ މަނިކު(ރީކޯ މޫސަ) 25 އަހަރަށް ފަހު، ލީޑް ރޯލަކުން ފެންނާނެ ފުރަތަމަ ފިލްމެވެ.
އެ ފިލްމު ޕްރިމިއާ ކުރަން ބޭއްވި ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި މާލޭގެ މޭޔަރު އާދަމް އާޒިމްގެ އިތުރުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސަރުކާރުގެ ބައެއް ބޭފުޅުން ވެސް އެ ހަފުލާގައި ތިއްބެވި އެވެ.
އެ ތުހުމަތާ ގުޅިގެން ޕީއެސްއެމްގެ ތަރުޖަމާނު އާމިނަތު ރޫޔާ ޖައުފަރު "މިހާރު" އަށް ވިދާޅުވީ އެ ފިލްމު ޕްރިމިއާ އިވެންޓް ލައިވްނުކުރީ ދެ ފަރާތުން ވެފައިވާ އެގްރީމަންޓުގެ ރޫހާ ހިލާފަށް ފަހު ވަގުތު އިވެންޓުގެ އިންތިޒާމުތައް ހަމަޖެއްސުމުން ކަމަށެވެ.
ރޫޔާ ވިދާޅުވީ ޕީއެސްއެމުން އަމަލުކުރީ އެފަދަ ހާލަތްތަކުގައި އެ ކުންފުނި އަމަލުކުރާ ގޮތަށް ކަމަށެވެ.
ފަހުން އިތުރު ތަފްސީލް ހާމަކުރައްވާނެ ކަމަށް ވިދާޅުވެ، އެ އިންތިޒާމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.
ފިލްމު އުފެއްދި ކުންފުނީގެ ބަޔާނުގައި ބުނީ އެ ހަފުލާއަކީ ސިޔާސީ އެއްވެސް ކަމެއް ހިމެނޭ ހަރަކާތެއް ނޫން ކަމަށާއި އެ ރަސްމިއްޔާތަށް މި ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި އެކި ފަންނާނުން އަދި އާއްމުންނަށް ވެސް ދައުވަތު އެރުވި ކަމަށެވެ. އެކަން ކުރީ ފިލްމީ ދާއިރާއަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ކަމަށް ބުންޏެވެ.
"ދައުލަތުގެ މީޑިއާ ފަދަ ޒިންމާދާރު މުއައްސަސާއަކުން، ދިވެހި އުފެއްދުމެއްގެ ޕްރިމިއާ ނައިޓު ލައިވްކޮށްދޭނެ ކަމުގެ ޔަގީންކަން ރަސްމީކޮށް ދިނުމަށް ފަހު، އެންމެ ފަހު ވަގުތު މިފަދަ ޣައިރު ޒިންމާދާރު ގޮތަކަށް އަމަލުކުރުމުގެ ސަބަބުން މި ޕްރޮޑަކްޝަން ހައުސަށް ވަނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފަ އެވެ،" ބަޔާނުގައިވެ އެވެ.
"ޕީއެސްއެމްއިން އިވެންޓު ލައިވްކުރުމަށް ހަމަޖެހިފައިވާތީ ޓީވީ ސްކްރީނުން ބެލުންތެރިންނަށް އެންމެ ފުރިހަމަ މަންޒަރުތައް ގެނެސްދިނުމަށްޓަކައި އޮލިމްޕަސް ސަރަހައްދު ޒީނަތްތެރިކުރުމަށާއި އިވެންޓުގެ އެންމެހާ އިންތިޒާމްތަކަށް މި ޕްރޮޑަކްޝަން ހައުސް އިން ވަނީ ވަރަށް ބޮޑު ހޭދައެއްކޮށްފަ އެވެ."
ބަޔާނުގައި ބުނީ ލައިވް ކަވަރޭޖު ނުލިބުމުން ފިލްމު އިޝްތިހާރުކޮށް ޕްރޮމޯޓުކުރަން ރާވާފައިވާ މަސައްކަތްތަކަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅިފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކޮށްގެން ހިންގާ ޕީއެސްއެމަކީ ވަކި ބައެއްގެ ނުފޫޒެއް ނެތި ހިންގާ ތަނަކަށް ވާން ޖެހުނަސް އެފަދަ ދަށު ދަރަޖައިގެ އަމަލުތަކަކީ ފިލްމީ ދާއިރާއަށް ދެވޭ ބޮޑު ނިކަމެތި ކަމެއް ކަމަށާއި އެއްބަސްވުމާ ހިލާފުވުމުން ގެއްލުމުގެ ބަދަލު ހޯދަން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.