އާރުޑީސީ އުވާލަން ނިންމާފައި ވާތީ އެ ކުންފުނިން ކުރަމުން އައި ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްޓީސީސީން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ދަށަށް އާރުޑީސީ ގެނައުމަށް ސަރުކާރުން ނިންމާފައިވުމާ އެކު، އާރުޑީސީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ އެ ކުންފުނީގެ ބެލުމުގެ ދަށުން ކަމަށް އެންމެންގެ މައުލޫމާތަށްޓަކާ ދަންނަވާ ކަމަށެވެ.
އާރުޑީސީން ކުރިއަށް ގެންދިޔަ ހުރިހާ މަޝްރޫއުތައް މިހާރު ކުރިއަށް ގެންދަނީ އެމްޓީސީސީގެ ދަށުން ކަމަށާއި އެ މަޝްރޫއުތަކުގެ ހުރިހާ ޒިންމާއެއް ވެސް އުފުލާނީ އެމްޓީސީސީން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްްދި އާރުޑީސީ އުވާލައި، އެ ކުންފުނީގެ ދަށުން ހިންގާ ހުރިހާ މަސައްކަތްތަކެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓަމްބަރު މަހު ހަތެއްގަ އެވެ.
ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވެއްގައި ވިދާޅުވީ އެއް މަސައްކަތެއް ކުރާ ސަރުކާރުގެ އެކި ކުންފުނިތައް އެބަހުރި ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާ ކަމަށެވެ. އެހެންވެ، ހަރުދަނާ ނިޒާމެއްގެ ދަށުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި އާރުޑީސީ އުވާލަން ނިންމެވީ ކަމަށް ރައީސް ވިދާޅުވި އެވެ.
"އާރުޑީސީއަކީ އާންމު ގޮތެއްގައި މަގު ހަދާ ކުންފުންޏެއް. އެމްޓީސީސީއަކީ ވެސް މަގު ހަދާ ކުންފުންޏެއް. އަދި އުމްރާނީ މަސައްކަތް ވެސް ކުރާ ކުންފުންޏެއް. ޑުޕްލިކޭޝަން ވެސް ވަރަށް ގިނަ. ހަރަދު ވަރަށް ގިނަ. އެހެންވީމަ އެފިޝެންޓް ނިޒާމެއްގެ ތެރެއިން އުމްރާނީ މަސައްކަތްތައް ޑެލިވާ ކުރުމަށްޓަކާ މި ބަދަލު މި ގެންނަނީ،" ރައީސް ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ވެސް މަސައްކަތްކުރި އާރުޑީސީއަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އެއްގަމު ދަތުރުފަތުރު ކުރެވޭނެފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކޮށްފައި އޮތުމަކީ، ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއް ކަމަށް ބުނެ، ކުރީ ސަރުކާރުގައި އެކަމަށް ހާއްސަކޮށް އުފެއްދި ކުންފުންޏެކެވެ.
އެ ކުންފުނިން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އެބަ ކުރިއަށް ގެންދެ އެވެ.