ނުވަ ސަތޭކައަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު މާދަމާ ބާއްވަން އެ ޕާޓީން ތައްޔާރުވެއްޖެ އެވެ. 

މިއީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އަތޮޅު އަދި ސިޓީތަކުގެ އިތުރުން ދާއިރާތަކުގެ ނައިބު ރައީސުންނާއި ސެކްރެޓަރީން އަދި ޕާޓީގެ ގުނަވަންތައް ކަމަށްވާ ޔޫތު ވިންގާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށް މީހުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ. 

އިންތިހާބުގައި 448 މަގާމަކަށް 979 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން އެ ޕާޓީން ނިންމާފައިވަނީ މާދަމާގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. 

އެމްޑީޕީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ މާލެއިންނެވެ. ގައުމީ މަޖިލީހުގެ މާލެ ސިޓީގެ 111 މަގާމަކަށް 209 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

އޭގެ ތެރެއިން މާލެ ސިޓީ ގައުމީ މަޖިލީހުގެ 16 ގޮނޑިއަކަށް އެކަނި ވެސް 45 ކެންޑިޑޭޓުން ވާދަކުރެ އެވެ. 

ދެވަނައަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އައްޑޫންނެވެ. އެ ސިޓީގެ 39 މަގާމަކަށް 86 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، ފުވައްމުލަކުގެ 13 މަގާމަކަށް 23 ކެންޑިޑޭޓުން، ކުޅުދުއްފުށީގެ ނުވަ މަގާމަކަށް 21 ކެންޑިޑޭޓުން އަދި ތިނަދޫގެ އަށް މަގާމަކަށް 18 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފަ އެވެ. 

އަތޮޅުތަކަށް ބަލާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ހއ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 22 މަގާމަކަށް 53 ކެންޑިޑޭޓުން ވާދަކުރެ އެވެ. ދެވަނައަށް އެންމެ ގިނައީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގެ 23 މަގާމަކަށް 52 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

އަދި ގއ. އަތޮޅުގެ 21 މަގާމަކަށް 49 ކެންޑިޑޭޓުން ވާދަކުރާއިރު، ހދ. އަތޮޅުގެ 18 މަގާމަކަށް 43 ކެންޑިޑޭޓުން އަދި ގދ. އަތޮޅުގެ 17 މަގާމަކަށް 40 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި އެންމެ މަދުން ކެންޑިޑޭޓުން ވާދަކުރަނީ ވ. އަތޮޅުގަ އެވެ. އެ އަތޮޅުގެ ތިން ދާއިރާގެ ގައުމީ މަޖިލީހުގެ ތިން ގޮނޑިއަށް ކުރިމަތިލާފައިވަނީ ޖުމްލަ ހަތް ކެންޑިޑޭޓުންނެވެ.

ޕާޓީގެ ދެ ގުނަވަން ކަމަށްވާ ޔޫތު ވިންގާއި އަންހެނުންގެ ރޫހުގެ މަގާމުތަކަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކުރިމަތިލައިފަ އެވެ. އެގޮތުން އަންހެނުންގެ ރޫހުގެ ރައީސް ކަމަށް ތިން ކެންޑިޑޭޓުން ވާދަކުރާއިރު، އަނެއް ފަސް ގޮނޑިއަށް 19 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ޔޫތު ވިންގުގެ ރައީސް ކަމަށް ދެ ކެންޑިޑޭޓުން ވާދަކުރާއިރު، އަނެއް ފަސް ގޮނޑިއަށް 13 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

މި އިންތިހާބުގެ ކެމްޕެއިން އެމްޑީޕީގެ ތެރޭގައި ގަދަވެފައިވާއިރު މައިގަނޑު ގޮތެއްގައި އޮތީ ދެ ޓީމަކަށް ބެހިފަ އެވެ. އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތާއިދާ އެކު ނުކުންނަ "ޓީމު އެމްޑީޕީ" އާއި ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރިޔާސީ ކެންޑިޑެންސީއަށް ވާދަކުރައްވާ ފައްޔާޒު އިސްމާއިލްގެ ތާއިދާއެކު ނުކުންނަ "ބޮޑު ބަދަލު" ޓީމެވެ.