ވ. ތިނަދޫގެ ގެސްޓްހައުސެއްގައި އެއް ޖިންސުން ކައިވެނި ކޮށްދިން މައްސަލަ ހޫނުވެ، އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން ރަށު ކައުންސިލުން އެދިއްޖެ އެވެ. 

އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި، މިދިޔަ ހޯމަ ދުވަހު ދެ އަންހެނުން ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބޭއްވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އޭގެ އިތުރުން، ރަށުގެ އާއްމު ސަރަހައްދުތަކާއި ގެސްޓްހައުސްގެ ބީޗު ބޭނުންކުރުމުގެ ހުއްދަ ދޫކޮށްފައިވާ އުސޫލުގައި ވެސް، އެ ތަންތަން ބޭނުންކުރަންވާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް، ހުއްދަކޮށްފައިވާ ހަރަކާތްތަކަށް އެކަނި ކަމަށް ވެސް ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ. 

ބަޔާނުގައި ބުނީ އެއް ޖިންސުން ކައިވެނި ކުރުމާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ހުރިހާ ކަމަކީ ރާއްޖޭގެ  ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ ކަންކަމަށްވާއިރު އެފަދަ ނާތަހުޒީބު އަމަލުތަކާ ހެދި އެ ރަށާ މެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭނެ ކަމަށެވެ.

އެކަމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށާއި އެ ތަނުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިއަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 

"އިސްލާމް ދީނާއި އަދި ދިވެހިރާއްޖޭގެ ގާނޫނުތާކާ ހިލާފު ހަރަކާތްތައް ހިންގުމަކީ މި ކައުންސިލުން ތާއީދު ނުކުރާނެ ކަމެކެވެ. އަދި "އިކޯބޫ މޯލްޑިވްސް" ގެސްޓްހައުސްގައި....އެއްޖިންސުން(ދެ އަންހެނުން)ކައިވެނި ކޮށްދިނުމުގެ ހަފުލާއެއް ބާއްވާ، ކައިވެނި ކޮށްދީފައިވާ މައްސަލާގައި މި ކައުންސިލުން އަޅަންޖެހޭ ފިޔަވަޅެއް ވާ ނަމަ އެ ފިޔަވަޅެއް މި ކައުންސިލުން އަޅާނެ ވާހަކަ ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ. 

ކައުންސިލުން ވަނީ ލޯކަލް ޓޫރިޒަމަކީ ތިނަދޫގެ އިގުތިސާދާއި ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ މުހިއްމު ކަމަކަށް ވާތީ، ރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުންނާއި ޓޫރިޒަމް ހިދުމަތްދޭ ވިޔަފާރިތަކުން ގާނޫނުތަކާއި އިސްލާމީ ދީނާ ހިލާފު ހަރަކާތްތައް ނުހިންގަން ވަނީ އިލްތިމާސްކޮށްފަ އެވެ.