ހުޅުމާލޭގައި ހުވަނި ފެތުރޭތީ ބޭސް ޖެހުމަށް ރީތިގަސް މަގުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އެޗްޑީސީން އަންގައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ރީތިގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ އާންމުންގެ ރައްކާތެރިކަމަށް ހުވަނި ބޭސް ޖެހުމަށް ނިންމާފައިވާ ކަމަށެވެ.
ބޭސް ޖަހަން ފަށާނީ މާދަމާ ހެނދުނު 9:00އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކަމަށްވަތީ، އެ މަގުގެ ދެފަޅީގައި ފާކުކޮށްފައިވާ ހުރިހާ އުޅަނދެއް ނެގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ. އަދި ބޭސް ޖެހުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެއްވެސް އުޅަނދެއް ޕާކު ނުކުރުމަށް ވެސް އެޗްޑީސީން ވަނީ އެދިފަ އެވެ.
ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ފަންޏެކެވެ. ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެފިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގަ އެވެ.
މިފަދަ ގަސްގަހަކީ އާންމުުކޮށް ގޯތިތެރޭގައި ހައްދާ އުޅޭ ބޮޑެތި ގަސްގަސް ކަމުން ހުވަނި އެޅުމުން ގަހަށް ގެއްލުން ވުމުގެ އިތުރަށް އިންސާނުންނަށް ވެސް ވަރަށް ބޮޑަށް މީގެއަސަރު ކުރެ އެވެ.
ހުވަންޏަކީ ވާލައިގެން ގަހުގައި އުޅޭ އެއްޗެއްކަމުން ގަސްކައިރީ އުޅޭއުޅުމުގައި ގަހުން ތިރިވެފައިވާ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކަހާ، ހިރުވައި، ފިތްނަގައި، ފިތް ނަގާފައިވާ ހިސާބު ރަތްވެ ދުޅަވެސްވެ އެވެ.