ބަނޑަށް 23 ހަފުތާ (ހަ މަހުގައި) އުފަންވި ކުއްޖަކު ސަލާމަތްވެއްޖެ އެވެ.
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހާ ގުޅުވައި އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، ދުވަސް ނުފުރާ އެންމެ އަވަހަށް ވިއްސައި ސަލާމަތްވީ 2017 ވަނަ އަހަރު އުފަންވި ކުއްޖެކެވެ.
ތޭވީސް ހަފްތާގައި އުފަންވި އެ ކުއްޖާގެ ބަރުދަނުގައި 630 ގްރާމް ހުއްޓެވެ.
މި މުއްދަތުގައި، ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން ބަރުދަން އެންމެ މަދުން ހުރީ 2020 ވަނަ އަހަރު އުފަންވި ކުއްޖެކެވެ. އެއީ 25 ހަފުތާގައި އުފަންވެ، ބަރުދަނުގައި 500 ގްރާމް ހުރި ކުއްޖެކެވެ.
އައިޖީއެމްއެޗުން ބުނީ 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް، ބަނޑަށް 23-26 ހަފުތާގައި އުފަންވި ކުދިންގެ ތެރެއިން 41 ކުއްޖަކު ސަލާމަތްވި ކަމަށެވެ. ތޭވީސް ހަފުތާގައި ތިން ކުއްޖަކު އަދި 16 ކުއްޖަކު ވަނީ 26 ހަފުތާގައި އުފަންވެފަ އެވެ.
- 26 ހަފުތާގައި އުފަންވި ކުދިން: 16 ކުދިން (%39)
- 25 ހަފުތާގައި އުފަންވި ކުދިން: 12 ކުދިން (%29)
- 24 ހަފުތާގައި އުފަންވި ކުދިން: 10 ކުދިން (%24)
- 23 ހަފުތާގައި އުފަންވި ކުދިން: ތިން ކުދިން (%7)
އެ ހޮސްޕިޓަލުން ބުނީ އެ ހިސާބުތަކުން ދައްކައިދެނީ ތުއްތު ކުދިންނާއި އެ އާއިލާތަކުގެ ކެތްތެރިކަމާއި އެ ކުދިން ހާސިލުކުރި ކާމިޔާބީތައް ކަމަށެވެ.
ކޮންމެ ދަތުރަކުން ވެސް އުއްމީދާއި ހިތްވަރު އަދި ނުގުޑާފަދަ ސާބިތުކަން ދައްކުވައިދޭ ކަމަށް ވެސް ބުންޏެވެ.
"ތުއްތު ކުދިންނަކީ ކިތަންމެ ކުޑަ ނަމަވެސް، އެ ކުދިންގެ ކިބައިގައިވަނީ އާދަޔާހިލާފު ގާބިލިއްޔަތުކަން،" އެ ޕޯސްޓުގައިވެ އެވެ.