ސަރުކާރުން އެޗްޑީސީއާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ސްޕޯޓްސް މިނިސްޓްރީން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓް އެޗްޑީސީއާ ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގައެވެ.
އެ ކުންފުނިން މިއަދު ބުނީ މިހާތަނަށް 50 ރަށެއްގެ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. ބާކީ 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ބައެއް ރަށްރަށަށް ސަޕްލައިކޮށް، އިންސްޓޯލް ކުރުމުގެ މަސައްކަތާއި މަރާމާތު ކުރަންޖެހޭ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.