އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް ބަަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް އެގޮތަށް ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 13 މެންބަރުންނެވެ.

ބަޖެޓް ދިރާސާކޮޮށް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އެމްޑީޕީގެ މެންބަރުން 23  އިސްލާހެއް ފޮނުވި ނަމަވެސް މަޖިލީހުގެ ގަވައިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ އެންމެ ހަތް އިސްލާހެވެ. 

އެ ހަތް އިސްލާހަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހި ނަމަވެސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލިހުން އެންމެ އިސްލާހެއް ވެސް ފާސް ނުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުން 52.6 ބިލިއަން ރުފިޔާ ހަރަދުކުރަން ކަނޑައަޅާފައި އޮތް އިރު އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އެއީ މުޅި ބަޖެޓްގެ ގާތްގަނޑަކަށް 71.5 ޕަސެންޓެވެ. ދެވަނައަށް އެންމެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައި އޮތީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ. އެއީ 9.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. މިއީ މި އަހަރުގެ އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 77 ޕަސެންޓަކީ ޓެކްސް އިން ލިބޭ އާމްދަނީ އެވެ. ޓެކްސް އިން ލިބޭނެ ކަމަށް ލަފާކުރަނީ 33.6 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުގެ މުހިއްމު އަދަދުތައް:

  • ޖުމްލަ ބަޖެޓު: 59.7 ބިލިއަން ރުފިޔާ
  • ޖުމްލަ ހަރަދު:52.6 ބިލިއަން ރުފިޔާ
  • ޖުމްލަ އާމްދަނީ: 43.2 ބިލިއަން ރުފިޔާ
  • ރިކަރަންޓް ހަރަދު: 42.7 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދު: 9.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 8.2 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
  • ދަރަނި:161.3 ބިލިއަން ރުފިޔާ
  • ޖީޑީޕީ: 129.5 ބިލިއަން ރުފިޔާ