ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޓޫރިސްޓުންނަށް ވެސް އީ-ގޭޓު މެދުވެރިކޮށް އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން ވެލާނާ އެއާޕޯޓުގައި މި ހިދުމަތް ފެށީ މިއަދު ހެނދުނު ޓާމިނަލް 1 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ ކޮންޓްރޯލާ އަހްމަދު ފަސީހުގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި އެހެން ބައެއް މިނިސްޓަރުންގެ އިތުރުން ވީއައިއޭ ހިންގާ އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

އެ ރަސްމިއްޔާތުގައި ކޮންޓްރޯލާ ފަސީހު ވިދާޅުވީ މި ހިދުމަތް ފެށުމާ އެކު ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ވެސް އިމިގްރޭޝަންގައި ހޭދަކުރަން ޖެހޭ ވަގުތު ކުޑަވެ، ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.  

"އަޅުގަނޑު ޔަގީންކޮށް އަރުވަން، ސެކިއުރިޓީ އެއްވެސް ވަރަކަށް ކޮމްޕްރޮމައިޒް ނުވާނެކަން ހަގީގަތުގައި. ވަރަށް ރަނގަޅަށް ބެލިގެން، ދުނިޔޭގައި މިކަން ކުރާގޮތް އަޅުގަނޑުމެން ދަސްކޮށްގެން، އެކަމަށް ތައްޔާރުވެގެން މި ފަށަނީ،" އޭނާ ވިދާޅުވި އެވެ.  

ހޯމް މިނިސްޓަރު އިހުސާން ވިދާޅުވީ މި ހިދުމަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ފައްޓަވާފައިވާ "މޯލްޑިވްސް 2.0"ގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. 

"މި މަސައްކަތުގެ އާހިރު ނަތީޖާއަކީ ރާއްޖޭގެ ބޯޑަރުން ވަދެގެން އަންނަ ކޮންމެ ފަރާތަކީ ސަލާމަތާއި ރައްކާތެރިކަމާއި ކަށަވަރު ކުރަން ޖެހޭ އެހެން ހުރިހާ ކަންކަން ކަށަވަރުވެގެން، އޭނާ އެތެރެވާއިރުގައި ވެސް ރާއްޖެއަކީ ޓޫރިޒަމް ޑެސްޓިނޭޝަނެއް ކަމަށް ދަނެގެން ދެވޭ ހިދުމަތަކީ އެންމެ އަވަހަށް ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުން،" އޭނާ ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ޓޫރިސްޓުންނަށް އީ-ގޭޓުގެ ހިދުމަތް ދިނުމަށް ވަރަށް ގިނަ ގައުމުތަކުން މަސައްކަތްކުރަމުން އަންނަ ނަމަވެސް، މި ސަރަހައްދުގައި މި ލެވަލްގައި މި ހިދުމަތް ދޭ އެހެން ގައުމެއް އަދި ނެތް ކަމަށެވެ. 

"ސިންގަޕޫރުގައި ވެސް މިކަން އެބަކުރޭ. އެހެން ނަމަވެސް، މިހާ އެލައުވް ކުރާ [އީ-ގޭޓް ކްލިއަރެންސް ދޭ] ގައުމުތަކުގެ މިހާ ވައިޑެއް [ގިނައެއް] ނޫން، މި ރޭންޖަކަށް ނޫން އޮތީ މިކަން ގޮސްފައި،" އޭނާ ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެންގެ މި ސީމްލެސްކޮށް ހަދައިފައި އިން ސެޓަޕްގައި އެއްފަހަރު އެއް ޕާސްޕޯޓުގައި އައިސްފި ކަމުގައިވާ ނަމަ، ދެވަނަ ފަހަރު އެއީ ޓޫރިސްޓަކު ވިޔަސް އެ މީހާ އިތުރު ސެކިއުރިޓީ ހިންޑަރެސްއެއް [މައްސަލައެއް] ނާންނަ ކަމަށް ވެއްޖެއްޔާމު ރާއްޖެއަށް ވަދެގެން ދިއުމުގައި އެ ސީމްލެސް އެކްސްޕީރިއެންސް ލިބިގެންދާނެ."

އިހުސާން ވިދާޅުވި ގޮތުގައި، އެ މީހަކު ހުންނަ ގައުމަކުން ޗެކިން ވުމާ އެކު، އެ މީހަކަށް ވީއައިއޭ އިން އީ-ގޭޓުގެ ހިދުމަތް ލިބޭ ނަމަ، އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް އެކަން އަންގައި ވެރިފިކޭޝަނެއް ފޮނުވާނެ އެވެ. އަދި އީ-ގޭޓުން ކްލިއަރެންސް ލިބުމާ އެކު، އީ-ވިސާއެއް އެމީހެއްގެ އީ-މެއިލަށް ފޮނުވާނެ އެވެ. 

މިހާރު ޓޫރިސްޓުން އިމިގްރޭޝަންގެ ކައުންޓަރަކަށް ކައިރިވާ ހިސާބުން ކްލިއަރެންސް ލިބެން 30-50 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއް ހޭދަވެ އެވެ. އެކަމަކު، އީ-ގޭޓާ އެކު އެ ވަގުތުކޮޅު 5-10 ސިކުންތަށް ކުޑަކުރެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އިހުސާން ވިދާޅުވީ ވެލާނާ އެއާޕޯޓަށް ބައެއް ފަހަރު ދެ ގަޑިއިރެއްހާއިރުގެ ތެރޭގައި ގާތްގަނޑަކަށް 3،000 އެއްހާ ޓޫރިސްޓުން އަންނާތީ، އީ-ގޭޓުގެ ހިދުމަތަކީ މިހާރު ކޮންމެހެން ވެސް ދޭންޖެހިފައިވާ ހިދުމަތެއް ކަމަށެވެ. 

ޓޫރިސްޓުންނަށް އީ-ގޭޓުގެ ހިދުމަތް ދޭން މިއަދު ފެށުމާ އެކު، މޯލްޑިވްސް އިމިގްރޭޝަނަކީ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ހުރިހާ ހިދުމަތެއް 100 ޕަސެންޓު ޑިޖިޓަލްކޮށްދޭ ފުރަތަމަ އިދާރާއަށް މިހާރު ވެފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. 

އީ-ގޭޓާ އެކު ލިބުނު ކުރިއެރުންތައް

  • ދެކުނު އޭޝިއާގައި ޓޫރިސްޓުންނާއި ބިދޭސީންނަށް އެންމެ ފުޅާ ދާއިރާއެއްގައި އީ-ގޭޓުގެ ހިދުމަތް ދޭ ފުރަތަމަ ގައުމު.
  • ވެލާނާ އެއާޕޯޓުގައި ޖުމްލަ 35 އީ-ގޭޓު ވަނީ ބަހަައްޓައިފައި. އެއީ އެރައިވަލްގައި 20 ގޭޓާއި ޑިޕާޗާގައި ބެހެއްޓި 15 ގޭޓު.
  • މި ހިދުމަތް ދިނުމަށް ބޭނުންކުރަނީ ޖަރުމަނުވިލާތުގެ ޑާމަލޮގްގެ އެންމެފަހުގެ ޓެކްނޮލޮޖީ. އެއީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ ފަދަ އެންމެ ޒަމާނީ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީ.
  • 46 ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުންނަށާއި 31 އެއާލައިނެއްގެ ފަސިންޖަރުންނަށް އީ-ގޭޓުގެ ހިދުމަތް މިހާރު ލިބޭނެ.
  • އެންމެ ފަހުގެ ބަޔޯމެޓްރިކް ޓެކްނޮލޮޖީގެ އެހީގައި، ފޭޝަލް ރިކޮގްނިޝަން އަދި އައިރިސް ސްކޭން ބޭނުންކޮށް، ސަހުޝު ކަށަވަރުކޮށް، ޕާސްޕޯޓުގެ ސައްހަކަން ޔަގީންކުރުމަށް ފަހު ކޮންމެ ފަސިންޖަރަކަށް ގާތްގަނޑަކަށް 6-7 ސިކުންތާ ދެމެދުގެ ވަގުތުކޮޅެއްގެ ތެރޭގައި އިމިގްރޭޝަން ކްލިއަރެންސް ނިންމާލެވޭނެ.
  • ޕާސްޕޯޓު ޗިޕުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް "ޕެސިވް އޮތެންޓިކޭޝަން" އަދި ޕާސްޕޯޓު ޗިޕަކީ އަސްލު ޗިޕެއްކަން ކަށަވަރުކުރުމަށް "އެކްޓިވް އޮތެންޓިކޭޝަން" މި ނިޒާމުގައި ބޭނުންކުރޭ.

ޒަމާނީ ފެންވަރަށް ތަރައްގީކުރި ވެލާނާ އެއާޕޯޓުގެ ޓާމިނަލް 1 ހުޅުވައި ދިވެހިންނަށް އީ-ގޭޓުގެ ހިދުމަތް ދޭން ފެށީ މިދިޔަ އަހަރު ޑިސެމްބަރު 31 ގަ އެވެ.