ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ހެލްތު އެންޑް ފެމެލީ މިނިސްޓްރީގެ ރިޕޯޓްތަކުން ދައްކައިފި އެވެ. 

މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.

އިހުމާލުވުމުގެ މައްސަލަތައް ގިނައިރު، އެ ބާވަތުގެ 27 މައްސަލައެއް ރިޕޯޓުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ނުވަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅުން ހުރި މައްސަލަތަކެވެ.

ދެވަނަ އަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަ އެވެ. އެގޮތުން އެ ބާވަތުގެ 24 މައްސަލައެއް ރިޕޯޓްކުރިއިރު، އޭގެ ތެރޭގައި ހިމެނެނީ ހަ ފިރިހެން ކުދިންނާއި 18 އަންހެން ކުދިންނާ ގުޅުން ހުރި މައްސަލަ އެވެ.

ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ
  • ނަފްސާނީ ގޮތުން އިހުމާލުވުމުގެ ނުވަ މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ފަސް މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ހަތަރު މައްސަލަ
  • ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ ތިން މައްސަލަ
  • ކުޑަކުދިންގެ ބަދުއަހްލާގީ އަމަލު ހިންގާ ވީޑިއޯތަކާއި ގުޅޭ ދެ މައްސަލަ
  • ކުޑަކުދިން ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ އެއް މައްސަލަ
  • ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ އެއް މައްސަލަ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންނާގުޅޭ 62 މައްސަލައަ އާއި ފިރިހެން ކުދިންގެ 47 މައްސަލައެކެވެ.

އަހްލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ރިޕޯޓުކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ ހަ މައްސަލަ އާއި ސްކޫލަށްދާން ބޭނުން ނުވުމުގެ ހަ މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ ފަސް މައްސަލަ އެވެ. އަދި އެހެނިހެން މައްސަލަތަކުގެ 18 މައްސަލަ ހިމެނެ އެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 153 ކުދިން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ. އަދި މިދިޔަ މަހު ތިން ކުއްޖަކު އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.