ބާ ކައުންސިލަކީ ސެލްފް ރެގިއުލޭޓިން މުއައްސަސާއެއް ކަމަށާއި ތައުލީމީ މިންގަނޑު ކަނޑައެޅުމާ ގުޅޭ އެއްވެސް އެންގުމެއް އެ ކައުންސިލަށް އެންގުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ލިބިގެން ނުވާ ކަމަށް ކައުންސިލްގެ ފުރަތަމަ ރައީސް މައުމޫން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ. 

ގާނޫނީ ދާއިރާގެ އިމްތިހާނުތައް މަތީތައުލީމު ހާސިލުކުރާ މަރުކަޒަށް ހާޒިރުވެގެން ހަދަންޖެހޭ ގޮތަށް ބާ ކައުންސިލުގެ ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އަންގަން އިއްޔެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. 

އެކަމާ ގުޅިގެން މައުމޫން ހަމީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބާ ކައުންސިލަކީ ގާނޫނުން ބާރު ލިބިފައިވާ މިނިވަން އަދި އަމިއްލައަށް ކަންކަން އިންތިޒާމުކޮށް ހިންގާ ސެލްފް ރެގިއުލޭޓިން މުއައްސަސާއެއް ކަމަށެވެ. 

"ގާނޫނީ ތައުލީމުގެ ފެންވަރު ނުވަތަ ގާނޫނީ ވަކީލުކަމުގެ ދާއިރާއަށް ވަނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދަށްކުރުމަށް ބާ ކައުންސިލަށް އެއްވެސް ކަމެއް އެންގުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަކަށް ލިބިގެނެއް ނުވޭ،" ބާ ކައުންސިލްގެ ކުރީގެ ރައީސް މައުމޫން ވިދާޅުވި އެވެ. 

މައުމޫން ވިދާޅުވީ މިންގަނޑުތައް ދަށްކުރުމަށް ޖުޑީޝަރީ ކޮމިޓީން ބާ ކައުންސިލަށް އެންގި އެންގުމަކީ ގާނޫނީ ވަކީލުކަމުގެ ދާއިރާގެ މިނިވަންކަމަށް އަރައިގަތުމެއްގެ އިތުރުން، ގާނޫނީ ތައުލީމުގެ މަތީ މިންގަނޑުތަކަށް އުއްމީދު ކުރުމުގެ ހައްގު ލިބިގެންވާ އާންމު ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް އަދި ރައްޔިތުންނަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށެވެ. 

ބާ ކައުންސިލުގެ "ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އެންމެ ދަށް މިންގަނޑު" ބަޔާންކުރާ ގަވާއިދަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިސްލާހުގައި ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގާނޫނީ ދާއިރާގެ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިހާނުތަކެއް ދަރިވަރުން ކިޔަވާ މަރުކަޒަށް ހާޒިރުވެގެން ހަދަން ލާޒިމް ކަމަށެވެ. 

ނަމަވެސް އެ މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިިލިހުގެ ޖުޑިޝަރީ ކޮމިޓީގެ އިއްތިފާގުން ފާސްކުރީ މިހާރު ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިއެކޭ ވެސް އެއްގޮތަށް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ފުރުސަތު ދިނުމަށެވެ. އަދި މަރުކަޒަކަށް ހާޒިރުވެގެން އިމްތިހާނު ހަދަންޖެހޭ އުސޫލު ހަމައެކަނި އަލަށް ކޯސްތަކާ ގުޅޭ ދަރިވަރުންގެ މައްޗަށް ތަންފީޒުކުރަން ބާ ކައުންސިލަށް އެންގުމަށް ވެސް ކޮމިޓީން ނިންމި އެވެ. 

ބާ ކައުންސިލުން ގެނައި ބަދަލާ މެދު ހިތްހަމަނުޖެހިގެން ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގެ ދަރިވަރުން މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައި ފާހަގަކޮށްފައިވަނީ ދަރިވަރުން ކޯހާ ގުޅުނީ އޮންލައިންކޮށް އިމްތިހާނު ދެވޭނެ ކަމުގެ ސައްހަ ހުއްދަ އޮތް ނިޒާމެއްގެ ތެރެއިން ކަމަށެވެ. އެހެންވެ ކޯހުގެ މެދުތެރެއިން މިފަދަ އަސާސީ ޝަރުތެއް ބަދަލުކުރުމަކީ އިދާރީ ގާނޫނުން ދަރިވަރުންނަށް ލިބިދޭ ހައްގު ގެއްލޭ ކަމެއް ކަމަށް އެ ޕެޓިޝަންގައިވެ އެވެ. 

ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބާ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، މާލެ އަންނަން އުނދަގޫވާ ދަރިވަރުންނަށް އެ މީހަކު ހުރި ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިހާނު ކުރިއަށް ގެންދިއުމުގެ އިހުތިޔާރު މަތީ ތައުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށެވެ.

ގަވާއިދަށް ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކުރަން އެންގިއިރު ޒިކްރާ އިންޓަނޭޝަނަލް ކޮލެޖާއި ވިލާ ކޮލެޖާއި އެވިޑް ކޮލެޖްގައި ލޯ ޑިގްރީ އޮންލައިންކޮށް ކިޔަވައި، އިމްތިހާނު ހެދުމުގެ ފުރުސަތު އޮވެ އެވެ. އަދި މިފަހުން އިސްލާމިކް ޔުނިވާސިޓީން ވެސް ގެންދަނީ އޮންލައިންކޮށް ކިޔަން ފުރުސަތު ދެމުންނެވެ. ނަމަވެސް، އިމްތިހާނު ހަދަން ޖެހެނީ ހާޒިރުވެގެންނެވެ. 

މަޖިލީހުގެ ބައެއް މެންބަރުން ވެސް އޮންލައިން ކޯސްތަކުން ލޯ ޑިގްރީ ހާސިލް ކުރައްވަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވަ އެވެ.

ޖުޑިޝަރީ ކޮމިޓީގެ ނިންމުން ފާސްކުރުމުގައި ވެސް އޮންލައިންކޮށް ލޯ ޑިގްރީ ހާސިލުކުރަމުންދާ ދެ މެންބަރުން ކަމަށްވާ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.