ބޮޑުހިލަ ލިބުމާ އެކު ނިންމާލެވޭ ހިސާބުގައި ހުރި ޕްރޮޖެކްޓްތައް ގިނަ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ބަނދަރުތަކުގެ ގިނަ ޕްރޮޖެކްޓްތައް ހުއްޓިފައި ހުރީ ބޮޑުހިލަ ލިބުން ދަތިވެގެން ކަމަށެވެ. ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވި ގޮތުގައި ހިލަ ލިބުން ދަތިވެފައި ވަނީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ހެދި އެވެ. 

"ބަނދަރުތަކުގެ މަަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ އެއްކޮށް. މެންބަރު [ޣަފޫރު] ގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެން ހެން މުޅި ދުނިޔޭގައި ހަނގުރާމަކޮށް، އެއްޗެހި އަގުބޮޑުވުމާއި މި ކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަ ދައްކަވާ އިރު،" ޣަފޫރުގެ ސުވާލަށް އަމާޒު ކުރައްވައި މުއްތަލިބް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުަގނޑުމެންނަށް އޮތް ދަތިތަކާ އެކުގައި ވެސް އެކި ގޮތްގޮތަށް ހައްލު ހޯދައިގެން ކުރިއަށް ގެންދެވޭތޯ މި ބަލަނީ. ހިލަ ލިބުނީމާ ނިންމޭނެ ވަރަށް ބައިވަރު ޕްރޮޖެކްޓްތައް އެބަހުރި."

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައި ވުމުގެ ސަބަބުން ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިދިޔަ އޭޕްރީލްމަހު މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އޭރު ވިދާޅުވީ މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައިވުމުގެ ސަބަބުން ބައެއް މަޝްރޫއުތަކަށާއި އިމާރާތް ކުރުމުގެ ދާއިރާއަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ނަމަވެސް، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރާ އެސްޓީއޯ އިން މެދުނުކެނޑި ތަކެތި ލިބޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. 

މިނިސްޓަރު އޭރު ވިދާޅުވި ގޮތުގައި، ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައި ވާތީ އާއި ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރު ހެދުން ކަހަލަ މަޝްރޫއުތައް ހިމެނެ އެވެ.