ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު، ގައުމީ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުން ދެކޭ ގޮތް އެނގެން ބޭނުންވާތީ އެ ވޯޓަށް ގޮވާލާ ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން އަންގަން އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އެދިވަޑައިގެންފި އެވެ. 

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، ރަސްމާލެ މަޝްރޫއުގައި ފެންނަ/ނުފެންނަ ވޯޓެއް ނަގަން ގޮވާލުމާ މެދު ދެކޭ ގޮތް ޕާޓީގެ މެމްބަރުންނަށް ސާފުވުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. 

އެހެންވެ، އެ ޕާޓީން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މުޒާހަރާގައި ބައިވެރިވާ މީހުން ޕާޓީގެ އޮފީހަށް މެސެޖުކުރަން ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

"މާލޭގައި ނޫޅުއްވާނެ ނަމަވެސް އަންގަވައިދެއްވަން ވެސް އެދިފައި ވާނެ،" ނަޝީދުގެ ޕޯސްޓުގައިވެ އެވެ.

ދެ ތިން ފެކްޝަނަކަށް ބެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހެވެ. ނަޝީދު ތާއިދުކުރައްވަނީ "ބޮޑު ބަދަލު" ފެކްޝަނަށެވެ. 

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ ތަރައްގީގެ މަޝްރޫއަށް ނަޝީދު ތާއީދު ކުރައްވަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެ މަޝްރޫއަކީ ރައްޔިތުންނަށް ފައިދާވާން އޮތް ރަނގަޅު މަޝްރޫއެކެވެ. މި މަޝްރޫއާ ދެކޮޅު ހެދުމަކީ ވަކި ވިސްނުމެއްގައި ރައްޔިތުންނަށް އޮތް ފައިދާއަށް ހުރަސްއެޅުން ކަމަށާއި މީގައި ކުރަން އޮތް ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދުން ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ވަކިން މުޒާހަރާއަށް ނުކުންނައިރު، އެ ޕާޓީގެ މެމްބަރުން މިހާރު ވެސް އިދިކޮޅު ބައެއް ޕާޓީތަކުގެ އެއްވުންތަކުގައި ބައިވެރިވެ އެވެ. 

އާއްމުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު ހަވާލުކޮށްފިނަމަ ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ފާސްކޮށްފަ އެވެ.

އެ ގަރާރުގައި ގޮވާލާފައި ވަނީ އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. ނަމަވެސް، އިދިކޮޅު ޕާޓީގެ ޑިމާންޑަށް ސަރުކާރުން އަމަލުނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން މުޒާހަރާ ކުރަން އެ ގަރާރުގައި ގޮވާލާފައިވެ އެވެ.