ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް، އާބާދީ މުސްކުޅިވުމުގެ ކުރިން އިގްތިސާދީ ގޮތުން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު އޮތީ ހަމައެކަނި ރާއްޖެއަށް ކަމަށް ވޯލްޑް ބޭންކުން ނެރުނު އާ ރިޕޯޓެއްގައި ބުނެފި އެވެ.

ވޯލްޑް ބޭންކުން މި މަހު އާންމުކުރި "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުގެ އާބާދީ މުސްކުޅިވަމުން އަންނަ ދުވެލި އާދަޔާ ހިލާފަށް ހަލުވިވެފައި، މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ދުނިޔޭގެ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކާ (އީއެމްޑީއީ) އަޅާބަލާއިރު މާ ދަށުގަ އެވެ.

ނަމަވެސް ރާއްޖެއަކީ މި ސަރަހައްދުން މިކަމުގައި އިސްތިސްނާވާ ހަމައެކަނި ގައުމެވެ. ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ވެސް، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އެވްރެޖަށް ވުރެ ބޮޑުތަނުން މަތިވުމާއި، ކުރިއަރަމުން އަންނަ ދުވެލި ހަލުވިވުމުގެ ސަބަބުން، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.

ރިޕޯޓުގެ ހިސާބުތައް ދައްކާ ގޮތުން 2013 އިން 2023 އަށް ބޮލަކަށް ޖެހޭ އާމްދަނީ ކުރިއެރި ނިސްބަތުން ކުރިއަށް އޮތް ތަނުގައި ވެސް އިގްތިސާދު ކުރިއަރާ ނަމަ، 2044 ވަނަ އަހަރު ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ. 

ވޯލްޑް ބޭންކުން އިންޒާރުދީފައިވާ ގޮތުގައި ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، އާބާދީ މުސްކުޅިވަމުން އަންނަ ދުވެލި ރާއްޖޭގައި އިންތިހާއަށް ހަލުވި އެވެ. އަދި ކުރިއަށް އޮތީ ވަރަށް ކުރު މުއްދަތެކެވެ؛ 

  • ރާއްޖޭގައި މަސައްކަތްކުރާ އުމުރުގެ (15 އަހަރާއި 64 އަހަރާ ދެމެދުގެ) މީހުންގެ ނިސްބަތް އެންމެ މައްޗަށް ދާނީ 2033 ވަނަ އަހަރު.
  • އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ދަރަޖައަށް ރާއްޖެ ދާނީ 2031 ވަނަ އަހަރު.
  • އޭގެ އެންމެ 13 އަހަރު ފަހުން، 2044 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 14 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، "މުސްކުޅި އާބާދީއެއް" ގެ ދަރަޖައަށް ބަދަލުވާނެ އަދި 2050 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ މީހުންނަށް ވާނެ.

މިއީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވާނެ އެއް ބަދަލު ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. ދެކުނު އޭޝިއާގެ އެވްރެޖަށް ބަލާއިރު، މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖެއަށް އެ ބަދަލު އަންނާނީ އޭގެ ފަސް އަހަރު ކުރިންނެވެ.

ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމުތަކަށް އޮތީ ބޮޑެތި ގޮންޖެހުންތަކެކެވެ. މުޅި ސަރަހައްދުގައި، މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް 2034 ގައި އެންމެ މައްޗަށް ދިއުމަށް ފަހު، 2049 ގައި ސަރަހައްދުގެ އާބާދީ މުސްކުޅި އާބާދީއަކަށް ބަދަލުވާނެ އެވެ.

ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖެއަކީ ޕެންޝަން ނިޒާމުގައި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ކުރީގައި އުޅޭ ގައުމެކެވެ. ދެކުނު އޭޝިއާގައި މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ޕެންޝަން ސްކީމްތަކުގައި ބައިވެރިވަނީ އެންމެ 17 ޕަސެންޓް މީހުން ކަމަށް ވިޔަސް، ރާއްޖޭގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ ޕެންޝަން ކަވަރޭޖް ހުރީ ސަރަހައްދުގެ އެވްރެޖަށް ވުރެ މާ މަތީގަ އެވެ.

ނަމަވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މުޅި ދެކުނު އޭޝިއާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ވެސް އެބައޮތެވެ. 

ދެކުނު އޭޝިއާގެ މީހުންގެ އުމުރު ދިގުވި ނަމަވެސް، ސިއްހަތު ރަނގަޅުކޮށް ހޭދަކުރާ އަހަރުތައް މަދެވެ. ސަރަހައްދުގެ ބަލިތަކުގެ ތިންބައިކުޅަ ދެބަޔަކީ ގައިންގަޔަށް ނާރާ ބަލިތަކެވެ. ރާއްޖޭގައި އުފަންވާ ކުއްޖެއްގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކުރާއިރު، ފުރިހަމަ ސިއްހަތެއްގައި ހޭދަކުރެވެނީ 70 ވަރަކަށް އަހަރު ކަމަށް ރިޕޯޓުގެ ހިސާބުތަކުން ދައްކަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން، ސަރަހައްދުގެ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުސަތުތަކަށް ބަދަލު އަންނަމުންދާ ކަމަށް ރިޕޯޓުގައިވެ އެވެ. އެގޮތުން ކޯލް ސެންޓަރުތަކާއި އާދައިގެ އެކައުންޓިން ފަދަ، ސާނަވީ ތައުލީމު ފެންވަރުގެ ވަޒީފާތައް އިއުލާންކުރާ މިންވަރު 2022 ގެ ފަހުން 24 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

ސަރަހައްދުގައި މަސައްކަތްކުރާ އުމުރުގެ އަންހެނުން ވަޒީފާގެ ބާޒާރަށް ނުކުންނަ ނިސްބަތް އުޅެނީ 35 ޕަސެންޓުގަ އެވެ. އަދި އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ޒިންމާ އާއިލާގެ އަންހެނުންގެ ބޮލުގައި އެޅިފައި އޮތުމަކީ އަންހެނުން ވަޒީފާއަށް ނުކުތުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނި ގޮތުގައި ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވުމަށް އޮތް 18 ވަރަކަށް އަހަރުގެ ތެރޭގައި މުހިންމު އިސްލާހުތަކެއް ނުގެނެސްފި ނަމަ، މުއްސަނދި ގައުމަކަށް ވުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ އެވެ.

ރިޕޯޓުގައި ވަނީ މައިގަނޑު ހަތަރު ދާއިރާއަކުން ފިޔަވަޅު އެޅުމަށް ލަފާދީފަ އެވެ:

  • އަމިއްލަ ވިޔަފާރިތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުޑަކުދިން ބަލަހައްޓާނެ ނިޒާމުތަކާއި ލުއިފަސޭހަ މަސައްކަތުގެ މާހައުލެއް ގާއިމުކުރުން.
  • ހޮސްޕިޓަލްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ޕްރައިމަރީ ހެލްތު ކެއާ މެދުވެރިކޮށް ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަނެ ފަރުވާދެވޭނެ ނިޒާމު ވަރުގަދަކުރުމާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ (ލޯންގް-ޓާމް ކެއާ) ތަމްރީނު ލިބިފައިވާ ހިދުމަތްތެރިން އުފެއްދުން.
  • އުމުރުން ދުވަސްވާ މީހުންނަށް ވެސް އުފެއްދުންތެރި ގޮތެއްގައި މަސައްކަތުގައި ދެމިތިބެވޭނެހެން، އާ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމާއި ރިޓަޔާމަންޓަށް ލުއި ގޮތްތަކެއް ހަމަޖެއްސުން.
  • އާބާދީ މުސްކުޅިވުމުން އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ހިދުމަތްތަކަށް ކުރަންޖެހޭ ހަރަދުތައް ބޮޑުވާނެތީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް، ކުރާ ހަރަދުތަކުގެ އެފިޝަންސީ ނުވަތަ ނަތީޖާ ނެރެވޭ މިންވަރު މަތިކުރުން.