ގއ. އަތޮޅުގައި އެއާޕޯޓު ހިންގަމުން އަންނަ ކޫއްޑޫގައި ޑްރަގު ރައްކާކޮށް، ފުޅާ ދާއިރާއެއްގައި އެތަކެތި ވިއްކާ މައްސަލައެއްގައި އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަަމަށްވާ އެމްޑީ ހާރިސް މިއާ، 37، އެވެ. 

ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެތަކެތި ވިއްކާކަމަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ވިލިނގިލީ އަދި މާމެންދޫ ޕޮލިހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހާރިސް ކޫއްޑޫގައި އުޅޭ ތަން ބަލައިފާސްކޮށްފައިވާއިރު އެތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެެވެ. 

ފުލުހުން ބުނި ގޮތުގައި އެތަނުން ފެނުނު ތަކެތީގެ ބަރުދަނުގައި 66 ގްރާމު ހުއްޓެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.