ސްކޫލްތައް އޭސީކުރަން ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލު އޭސީކޮށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި ސަރުކާރުގެ 217 ސްކޫލު ހުންނައިރު ސަރުކާރުން ވަނީ އެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީކުރަން "ކޫލް ސްކޫލް" ނަމުގައި 2024 ވަނަ އަހަރުގެ ޖޫން މަހު ޕްރޮޖެކްޓެއް ފަށައިފަ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުނުއިރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާ އެކު އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިހާތަނަށް 113 އަށްވުރެ ގިނަ ސްކޫލުގެ 192 ކްލާސްރޫމާއި 80 ހޯލް ވަނީ އޭސީކޮށްފަ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު ސޮއިކުރީ މިދިޔަ އަހަރު އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި އެ ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބައެއް ރަށްރަށުގައި އެކަމަށް އެކަށީގެންވާ ވަރުގެ ކަރަންޓު ނެޓްވޯކެއް ވެސް ނެތުމަކީ އޭސީ ޕްރޮޖެކްޓްގެ މަސައްކަތް ލަސްވެ ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމެކެވެ.