ނަފްސާނީ ބަލީގެ އެކި ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް، ސިއްހީ ފަރުވާ ދިނުން ކުރިއަށް ގެންދަން ހާއްސަ ރިވިއު ބޯޑެއް އުފައްދަން ޖެހޭ ގޮތަށް ނަފްސާނީ ފަރުވާ ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް އިއްޔެ ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި ބިލު ފަރުމާކޮށްފައިވަނީ 17 ބާބެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެކި ހާލަތްތަކުގައި ތިބި މީހުންނަށް ނަފްސާނީ ފަރުވާ ދޭނެ ގޮތާއި އަދި އެ މީހުންގެ ހައްގުތަކާއި އެ ހިދުމަތް ދޭ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުން ހިމެނެ އެވެ.

އެ ބިލުގައި އެންމެ ބޮޑު އެއް ބަދަލަކީ ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން 'މެންޓަލް ހެލްތު ރިވިއު ބޯޑު' އުފެއްދުމެވެ. ފަރުވާއާ ގުޅޭ ހުށަހެޅުންތައް ބެލުމަށާއި ފަރުވާ ކުރިއަށް ގެންދަން ހުއްދަ ދޭނީ އެ ބޯޑުންނެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ވަކި ބޯޑެއް އުފައްދަންޖެހެ އެވެ.

އެ ބޯޑު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ؛

- ސައިކޭޓްރިސްޓެއް

- ސައިކޮލޮޖިސްޓެއް

- ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާގެ މެމްބަރެއް

- ސޯޝަލް ވޯކަރެއް

- އާއްމުންގެ ތެރެއިން މެމްބަރެއް

ރިވިއު ބޯޑުގެ ޒިންމާތައް

- ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ފަރުވާ ދިނުމުގެ އަމުރު ނެރުން

- ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހަކަށް ދޭ ފަރުވާ ބަދަލުކުރަން އެންގުން

އެ ބޯޑަށް ހުށަހަޅާ މައްސަލަތަކާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެ އެވެ. އަދި އެ ބޯޑުގެ ނިމުމާ މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ލިބެ އެވެ.

ގާނޫނު ހުއްދަކުރާ ހާލަތުގައި ތަންފީޒީ އިދާރާތަކަށާއި ފަރުވާދޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން ފިޔަވައި، ބަލި މީހެއްގެ ޒާތީ މައުލޫމާތު އާއްމުކޮށްފިނަމަ، އެ ސިއްހީ ފަރުވާދޭ މަރުކަޒެއް ނުވަތަ ހިދުމަތްދޭ މީހެއް، 50،000ރ އިން 100،000ރ. އިން ޖޫރިމަނާކުރާނެ އެވެ.

ޖޫރިމަނާކުރުމުގެ އިތުރުން ދެ އަހަރުގެ މުއްދަތަށް އެ ފަރާތުގެ އެ ފަރާތުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު އެލައިޑު ހެލްތު ކައުންސިލަށް ލިބެ އެވެ.

ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންނަށް ހަތަރު ބާވަތެއްގެ ފަރުވާ ދިނުމަކީ ވެސް މަނާ ކަމެކެވެ. އެއީ؛

- މަސަލް ރިލެކްސަންޓު އަދި އެނެސްތީޝިއާ ދިނުމަކާ ނުލައި ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ

- ކުޑަކުދިންނަށް ދޭ އިލެކްޓްރޯ ކޮންވަލްސިވް ތެރަޕީ

- ކުޑަކުދިންނަށް ހަދާ ނިއުރޯސާޖަރީ 

- ނަފްސާނީ ފަރުވާއެއްގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން ދަރިމައިނުވާ ގޮތް ހެދުން

ނަފްސާނީ ފަރުވާއަށް ހާއްސަ ގާނޫނެއް ހެދުމުގެ މަސައްކަތް ފެށިއިރު، އެ ބަލި ތަހައްމަލުކުރާ މީހުންގެ އަދަދު އިތުރުވުމުގެ މައްސަލަ ވެސް ބޮޑެވެ. ދިރާސާއިން ދައްކަނީ ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެކެވެ.