ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުވައި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުން މަނާކުރަން ވަޒީފާއާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރަކު އިސްލާހެއް ހުށަހަޅައިފި އެވެ. 

ގަލޮޅު ދެކުުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެ ބިލު މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ، ސަރުކާރު އަދި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް، ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާ ނަމަ ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާއިން ވަކިކުރުން ފަދަ ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާތީ އެވެ. 

ނަމަވެސް، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ނުވުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމާއި ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހްތިޔާރުގައި ނިންމަންޖެހޭނެ ކަމެއް ކަން މީކާއިލް ފާހަގަކުރެއްވި އެވެ. 

ބިލުގެ މަގުސަދަކީ، އޭނާ ވިދާޅުވި ގޮތުގައި ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުމެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މީކާއިލް ހުށަހެޅުއްވީ ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން ވަކި މާއްދާއެއް ހިމަނާށެވެ. 

އެ މާއްދާގައި ބުނަނީ ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކުން ވަކިވުމަށް އަދި ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި، ޖަލްސާއެއްގައި ނުވަތަ އެ ނޫން ވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާކަމެއް ކަމަށެވެ. 

އެ މާއްދާއާ ހިލާފުވާ ފަރާތަކުން އެ ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމަށް ވެސް ބިލަށް ހުށަހެޅި އިސްލާހުގައި ވެ އެވެ. 

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާން މަޖުބޫރުކުރުވުމާއި އެ ސަރުކާރު ނިސްބަތްވާ ޕާޓީއަށް ސޮއިކުރުމުން ވަޒީފާ ދިނުން ފަދަ ކަންކަމުގެ ކަންބޮޑުވުން ކޮންމެ ސަރުކާރެއްގައި ވެސް އޮވެ އެވެ.