ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނުކުމެވަޑައިގަންނަވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ނިންމެވީ، އެ މަނިކުފާނުގެ ތާއީދާ އެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.
މިއީ އެ ޕްރައިމަރީގައި ފައިސަލަށް ތާއީދު ކުރައްވާނެކަން އިބޫ އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ. އެ މަނިކުފާނު އެކަން އިއުލާން ކުރެއްވީ އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބޭއްވި ބައްދަލުވުމަކަށް ފަހު "ސަންގު" ޓީވީން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.
އެމްޑީޕީގެ ޕްރައިމަރީއާ މެދު ދެކެވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ ސަންގު ޓީވީގެ ޕްރެޒެންޓަރު ދެންނެވުމުން އިބޫ ވިދާޅުވީ، ފައިސަލް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް އެ ޕްރައިމަރީގައި ވާދަކުރައްވަނީ އެ މަނިކުފާނާ މަޝްވަރާ ކުރައްވާފައި ކަމަށެވެ.
"އަޅުގަނޑު ތާއީދު ކޮށްގެން ކުރިމަތިލެއްވީ،" އިބޫ ވަރަށް ކުރުކޮށް ވިދާޅުވި އެވެ.
އިބޫގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އާޒިމް އެވެ.
މީގެ ކުރިން ފައިސަލްގެ ޓީމުގެ ބައެއް އިސްބޭފުޅުން ވެސް ވަނީ އިބޫގެ ތައީދު އޮތްކަން ކަށަވަރު ކޮށްދެއްވައިފަ އެވެ. އެކަމަކު މިރެއާ ހަމައަށް އިބޫ ހުންނެވީ އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ވިދާޅުނުވެ ހިމޭނުންނެވެ.
އިބޫ މިރޭ ވިދާޅުވީ، ޕްރައިމަރީއަށް ކުރިމަތިލައްވާނެކަން ފައިސަލް އިއުލާން ކުރައްވާފައިވާ ކަމަށާއި އެކަމަކު "އަޅުގަނޑު އިއުލާނެއް ނުކުރަން" ކަމަށެވެ.
ފައިސަލް ކުރިން ވިދާޅުވެފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބޫއާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ނެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލް/އާޒިމްގެ ތާއީދާ އެކު 200 އެއްހާ ކެންޑިޑޭޓުން ވާދަކުރާ ކަމަށާއި އެ ހުރިހާ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ކަމަށް އިބޫ މިރޭ ވިދާޅުވި އެވެ.
ފައިސަލް/އާޒިމްގެ ޓީމުން ގައުމީ މަޖިލިހުގެ އިންތިހާބުގައި ކެމްޕެއިން ހިންގަނީ "ޓީމް އެމްޑީޕީ" ގެ ނަމުގަ އެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާން ކުރެއްވީ ފައިސަލްގެ އިތުރުން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ނަމަވެސް އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ދައުލަތުން ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް ޝާހިދު ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފަ އެވެ. އެ މައްސަލައިގެ ތުހުމަތަށް އޭނާ ވަނީ 30 ދުވަހަށް ބަންދުކޮށްފަ އެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ކުރިން ހުންނެވި އިބޫގެ ތާއީދު ފައިސަލާއި އާޒިމަށް ދެއްވިއިރު، ނަޝީދު ހުންނެވީ "ބޮޑު ބަދަލު" ގެ ނަމުގައި ކެމްޕެއިން ކުރައްވާ ފައްޔާޒާއެކުގަ އެވެ.